އެންމެ ފަހު ވަގުތުކޮޅުގައިވެސް ޔަޙުޔާ ސިންވާރު ސާބިތުކޮށްދެއްވީ އޭނާއަކީ ހަނދާނުން ފޮހެވިގެން ނުދާނެފަދަ ޝަޚުޞިއްޔަތެއް ކަމަށް އިޒްރޭލުގެ މިހާރުގެ ޖާސޫސީ އޮފިސަރުންނާއި ކުރީގެ އޮފިސަރުން ހިބްރޫ މީޑިއާއަށް ދިން ބަސްދީގަތުމުގައި އެއްބަސްވެއެވެ. އެފަރާތްތަކުން ބުނެފައި ވަނީ ސިންވާރު ޝަހީދު ކޮށްލެވުނަސް ހަމާސްގެ އެތައް ހާސް ހަނގުރާމަވެރިން އަދިވެސް މައިދާނުގައި ސާބިތުވެ ތިބޭނެ ކަމަށެވެ.

އެމެރިކާގެ “އެންބީސީ ނިއުސް” ނެޓްވޯކުން ރިޕޯޓްކުރި ގޮތުގައި، ހަނގުރާމައިގެ ފުރިހަމަ އަހަރަށް ފަހުވެސް، ހަމާސް ހަރަކާތުގެ ގާބިލްކަން ހަރުދަނާ ކުރުމަށް ސިންވާރު ސަމާލުކަން ދީފައި ވެއެވެ. އަދި ހަމާސްގެ ސިޔާސީ ބިއުރޯގެ ވެރިޔާ ޔަހްޔާ ސިންވާރު އަވަހާރަކޮށްލުމުން އިޒްރޭލަށް ސްޓްރެޓެޖިކް އަމާޒުތަކެއް ހާސިލެއް ނުވާނެ ކަމަށްވެސް އެފަރާތްތަކުން ބުނެފައި ވެއެވެ.

"ކުރިން ޣައްޒާގައި ނުވަތަ މެދުއިރުމަތީގެ އެހެން ތަންތާނގައި ގްރޫޕް ލީޑަރުން މަރާލުމަކީ އެގްރޫޕުތަކަށް ވެރިވާ ދާއިމީ ބަލިވުމެއް. އަދި އިޒްރޭލަށް ލިބޭ ވަގުތީ ފައިދާއެއް" އިސްރާއީލުގެ ބްރޯޑްކާސްޓިން ކޯޕަރޭޝަންގެ ފަލަސްތީނުގެ ކަންކަމުގެ އެޑިޓަރު އެލިއޯ ލެވީ އޭނާގެ ތަހުލީލުގައި ކިޔައި ދިނެވެ.

"އަޅުގަނޑުމެންނަށް ފެންނަ ވީޑިއޯއަކީ ހަމާސްއާއި، ފަލަސްތީނުގައި އިސްލާމިކް ޖިހާދު، ނުވަތަ ހިޒްބުالله އަށް ފެންނަ ވީޑިއޯތަކެއް ނޫން" ސިންވާރު ޝަހީދުކޮށްލި މަންޒަރުތަކަށް އިޝާރާތް ކުރަމުން އޭނާ ކިޔައިދިނެވެ.

"އެމީހުންނަށް ފެންނަނީ އެންމެ ފަހު ވަގުތާއި ހަމައަށް، އެންމެ ފަހު ލޭތިއްކާ ހަމައަށްވެސް، އަދި ޒަޚަމްވެ ހުރެގެންވެސް ހަނގުރާމަކުރި ބަޠަލެއް!" ސިންވާރުގެ ފަހު ވީޑިއޯއާ ބެހޭ ގޮތުން ލެވީ ކިޔައި ދިނެވެ.

ކޮމާންޑަރު ސިންވާރަށް ބޮޑެތި އަނިޔާތަކެއް ލިބުނު ނަމަވެސް ރަފަޙުގައި އިޒްރޭލު ސިފައިންނާ ކުރިމަތިލާން ޖެހުނު މަންޒަރުތަކަކީ ދުނިޔޭގެ ކުރިމަތީގައި އޭނާ ލެޖެންޑަކަށް ވެގެން ދިޔަ މަންޒަރުތަކެއް ކަމަށް ލެވީ ފާހަގަ ކުރިއެވެ.