މެންޗެސްޓާ ޔުނައިޓެޑުގެ އެމްބެސެޑަރެއްގެ މަގާމުގައި ހުރި ސަރ އެލެކްސް ފާގުސަން, އޭނާގެ މަގާމުން ވަކިކުރުމަކީ އެ ކްލަބަށް ގެއްލުން ވާނެ ކަމެއް ކަމަށް ޔުނައިޓެޑުގެ ކޯޗު އެރިކް ޓެންހާގު ބުނެފިއެވެ.
1986 ވަނަ އަހަރުން ފެށުގެން 2013 ވަނަ އަހަރާ ހަމައަށް ޔުނައިޓެޑަށް ކޯޗުކަން ކޮށްދީ, އެތައް ކާމިޔާބީއެއް އެ ކްލަބަސް ގެނެސްދިން ފާގުސަން ދާދި ފަހަކާ ޖެހެންދެން ހުރީ އެ ކްލަބުގެ އެމްބެސެޑަރެއްގެ މަގާމުގައެވެ. ނަމަވެސް ޔުނައިޓެޑުން ވަނީ އެ ކްލަބުގެ ހޭދަތައް ކުޑަކުރުމުގެ ގޮތުން, ފާގުސަންއަށް ކޮންމެ އަހަރަކު އެ މަގާމު އަދާ ކުރުމަށް ޓަކައި ދައްކަމުން އައި 2.1 މިލިއަން ޑޮލަރު ދިނުން ހުއްޓާލައި, އޭނާ އެ މަގާމުން ވަކި ކޮށްފައެވެ.
ޔުނައިޓެޑުގެ ބޮޑު ހިއްސާއެއް ދާދި ފަހުން ގަތް އިނިއޮސްއިން ފާގުސަން އެ ކްލަބުގެ އެމްބެސަޑަރެއްގެ މަގާމުން ވަކި ކުރަން ނިންމި ނިންމުމާ ބެހޭ ގޮތުން ވާހަކަދައްކަމުން ކްލަބުގެ ކޯޗު ޓެންހާގު ބުނީ އެ ނިންމުމުގެ ސަބަބުން ކްލަބަށް ގެއްލުން ވާނެ ކަމަށް އެއްބަސްވާ ކަމަށެވެ.
"ފާގުސަން, އެމްބެސެޑަރުގެ މަގާމުން ވަކިކުރުމަކީ ޔަގީނުން ވެސް އަހަރެމެންނަށް ގެއްލުން ވާނެ ކަމެއް. ފާގުސަންއަކީ ޔުނައިޓެޑުގެ ތާރީހުގައި އެންމެ މުހިއްމު އެއް ޝަހްސިއްޔަތު. ފާގުސަން ވަކި ކުރީ މި ކްލަބުގެ ހެވަށް. އޭނާއަކީ މި ކްލަބަށް އެންމެ ހެޔޮ ގޮތް ވުމަށް އަބަދު ވެސް އެދޭނެ ފަރާތެއް." އިނިއޮސްގެ ނިންމުމާ ބެހޭ ގޮތުން ވާހަކަދައްކަމުން ޓެންހާގް ބުންޏެވެ.
ސަރ އެލެކްސް ފާގުސަންއަކީ މިހާތަނަށް ދުނިޔެ ދުން އެންމެ ހުނަރުވެރި އެއް ކޯޗެވެ. މެންޗެސްޓާ ޔުނައިޓެޑަށް ގުނާ އަދަދު ނުކުރެވޭހާ ގިނަ ކާމިޔާބީތައް ހޯދައިދިން ފަރާތެއް ކްލަބުން ވަކިކުރުމުން އެތައް ބަޔަކު އަންނަނީ އެކަމަށް ފާޑު ކިޔަމުންނެވެ. ފުޓުބޯޅަ ދުނިޔޭގެ ގަދަ ބާރަކަށް ޔުނައިޓެޑު ހަދައިދިން ފަރާތަށް އިހާނެތިކޮށް ހިތަނީ ކަމަށް ކްލަބުގެ ބައެއް ސަޕޯޓަރުންނާ ކުރީގެ ކުޅުންތެރިން ވެސް އަންނަނީ ބުނަމުންނެވެ.