ފުލަމްގެ ވެރިޔާގެ މަގާމުގައި ކުރިން މަސައްކަތް ކުރި މުހައްމަދު އަލްފައެދްގެ ފަރާތުން ޖިންސީ ގޯނާއާ ކުރިމަތިލާން ޖެހުން ކަމަށް އެ ކްލަބުގެ އަންހެން ޓީމަށް ކުރިން ކެޕްޓަންކަން ކޮށްދިން ރޮނީ ގިބޮންސް ބުނެފިއެވެ.

2023 ވަނަ އަހަރު އުމުރުން 94 އަހަރުގައި ނިޔާވި މުހައްމަދު އަލްފައެދްގެ ފަރާތުން ކުރިމަތިވި ގޯނާގެ ވާހަކަ ހާމަކުރަމުން ގިބޮންސް ބުނީ އޭނާއަށް އެންމެ ފަހަރަށްވުރެ ގިނައިން އެ ކަންކަމާ ކުރިމަތިލާން ޖެހުނު ކަމަށެވެ. މި ގޯނާތަކަކީ އޭނާގެ އުމުރުން އެންމެ 20 އަހަރުގައި ކުރިމަތިވި ކަންކަމަށް ވާތީ އެކަށީގެންވާ ފިޔަވަޅުތައް އެ ވަގުތު ނޭޅުނީ ކަމަށް ގިބޮންސް ވަނީ ބުނެފައެވެ.

ގިބޮންސް, ކުރި ތުހުމަތުތަކާ ގުޅިގެން ފުލަމްއިން ވަނީ ބަޔާނެއް ނެރިފައެވެ. އެ ބަޔާނުގައި އެ ކްލަބުން ވަނީ 1997 ވަނަ އަހަރުން ފެށިގެން 2013 ވަނަ އަހަރާ ހަމައަށް އެ ކްލަބުގެ ވެރިޔާގެ މަގާމުގައި ހުރި އަލްފައެދްގެ ފަރާތުން ކުރިމަތިވި ގޯނާ ކުށްވެރިކޮށްފައެވެ.

ގިބޮންސްގެ ތުހުމަތުތަކަކީ, އަލްފައެދްއާ ދެކޮޅަށް އަންހެނެއް މި ފަދަ ތުހުމަތެއް ކުރި ފުރަތަހަ ފަހަރެއް ނޫނެވެ. 2005 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރާ ހަމައަށް 21 އަންހެނަކު ވަނީ އަލްފައެދް އެ މީހުންނަށް ޖިންސީ ގޯނާ ކުރިކަމަށް ހާމަކޮށްފައެވެ. މި ހުރިހާ އަންހެނުންނަކީ ވެސް އަލްފައެދްގެ ބެލުމުގެ ދަށުގައި ހުރި ކުންފުނިތަކުގައި މަސައްކަތް ކުރަމުން ދިޔަ އަންހެނުންނެވެ.

ޖިންސީ ގޯނާގެ އެތައް ތުހުމަތެއް ކޮށްފައިވީ ނަމަވެސް, 2023 ވަނަ އަހަރު އަލްފައެދް ނިޔާވިއިރު ވެސް އޭނާއަށް އެއް ވެސް ހުކުމެއް ކޮށްފައެއް ނުވެއެވެ.