އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު ކުޅުނު މެޗުގައި ވެސްޓްހަމް އަތުން 4-1 އިން ފަސޭހަކަމާއެކު ޓޮޓެންހަމް ހޮޓްސްޕާ މޮޅުވެއްޖެއެވެ.
ޓޮޓެންހަމް ހޮޓްސްޕާ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި އެންމެ ފުރަތަމަ ލީޑު ނަގާފައިވަނީ ވެސްޓްހަމްއެވެ. މި ލަނޑަކީ މެޗުގެ 18 ވަނަ މިނެޓުގައި, ވެސްޓްހަމްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ މުހައްމަދު ކުޑުސް ކާމިޔާބު ކުރި ލަނޑެކެވެ.
ޓޮޓެންހަމަށް މެޗުގެ ނަތީޖާ ހަމަހަމަ ކުރެވުނީ މެޗުގެ 36 ވަނަ މިނެޓުގައެވެ. މި ލަނޑަކީ ޑޭޖަން ކުލުސެވްސްކީ ކާމިޔާބު ކުރި ލަނޑެކެވެ. ކުލުސެވްސްކީގެ ލަނޑާއެކު ފުރަތަމަ ހާފު ނިމިގެންދިޔައީ 1-1 އިން ދެ ޓީމު އެއްވަރުވެގެންނެވެ.
ޓޮޓެންހަމުން އެ ޓީމުގެ ހަގީގީ ފެންވަރު ދައްކާލީ މެޗުގެ ދެވަނަ ހާފުގައެވެ. އެ ގޮތުން ދެވަނަ ހާފު ފެށިގެން 52 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ލަނޑު ޖަހާ މެޗުގެ ނަތީޖާ އަނބުރާލާފައެވެ. މި ލަނޑަކީ އެ ޓީމުގެ މިޑްފީލްޑަރު ބިސޫމާ ކާމިޔާބު ކުރި ލަނޑެކެވެ.
އޭގެ ތިން މިނެޓު ފަހުން ވެސްޓްހަމްގެ ގޯލްކީޕަރު އަރެއޯލާ އަތުން ބައިކޮޅަށް ވަދެގެންދިޔަ ލަނޑާއެކު ޓޮޓެންހަމުގެ ލީޑު ވަނީ ދެ ގޯލަށް އިތުރުވެފައެވެ. ޓޮޓެންހަމުގެ ފަހު ލަނޑު ފެނިގެންދިޔައީ މެޗުގެ 60 ވަނަ މިނެޓުގައެވެ. މި ލަނޑަކީ އެ ޓީމުގެ ކެޕްޓަނު, ހިއުންގް މިން ސޮން ކާމިޔާބު ކުރި ލަނޑެކެވެ.
ނަތީޖާގެ ފަރަގު ކުޑަ ކުރުމަށް މަސައްކަތް ކުރަމުންދިޔަ ވެސްޓްހަމަށް ކަންކަން ގޯހުން ގޯހަށް ދިޔައީ, އެ ޓީމަށް މި މެޗުގައި ކާމިޔާބު ކުރެވުނު ހަމައެކަނި ގޯލު ޖަހައިދިން ކުޑުސްއަށް, މެޗުގެ 86 ވަނަ މިނެޓުގައި ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލުމުންނެވެ. އެއާއެކު އެ ޓީމަށް މެޗު ނިންމާލަން ޖެހުނީ 10 ކުޅުންތެރިންނާއެކުގައެވެ.
އަމިއްލަ ދަނޑުގައި މި ލިބުނު ބޮޑު މޮޅާއެކު ޓޮޓެންހަމުން ވަނީ ކުޅުނު 8 މެޗުން 13 ޕޮއިންޓު ހޯދާ, ތާވަލުގެ ހަތްވަނައަށް ޖެހިލައިފައެވެ. މި ސީޒަނުގައި އާދައިގެ ކުޅުމެއް ދައްކަމުން އަންނަ ވެސްޓްހަމް އޮތީ, ކުޅުނު 8 މެޗުން ލިބުނު 8 ޕޮއިންޓާއެކު ތާވަލުގެ 13 ވަނައިގައެވެ.