ހަދިޔާއެއްގެ ގޮތުގައި އިންޑިއާއިން ވަނީ ނޭޕާލަށް އެއްމިލިއަން ކޮވިޝީލްޑް ވެކްސިން ހަދިޔާކޮށްފައެވެ. މީގެ ކުރިން ޖެނުއަރީގައިވެސް އިންޑިއާއިން ވަނީ ނޭޕާލަށް އިތުރު އެއްމިލިއަން ޑޯޒް ހަދިޔާކޮށްފައެވެ.

ނޭޕާލުގެ ވެކްސިން ކެމްޕެއިންގެ އަމާޒަކީ، އެގައުމުގެ އާބާދީގެ 72 އިންސައްތަ، ގާތްގަނޑަކަށް 29 މިލިއަން މީހުންނަށް ވެކްސިން ދިނުމަށެވެ. ނޭޕާލުން ރާވާފައިވަނީ އުމުރުން 55 އަހަރުން މަތީގެ މީހުންނަށް މާޗް މަހުން ފެށިގެން ވެކްސިން ދޭށެވެ.

އިންޑިއާއިން ދީފައިވާ ހިލޭ ވެކްސިންގެ އިތުރުން ނޭޕާލުން ދަނީ ވެކްސިން ގަތުމަށްވެސް މަސައްކަތް ކުރަމުންނެވެ. އެގޮތުން އެސްތްރާ ޒެނެކާގެ ވެކްސިން ނޭޕާލަށް ޑޯޒަކަށް ޖެހިފައިވަނީ 4 ޑޮލަރު ކަމުގައި ސަރުކާރުން ބުނެފައި ވެއެވެ.

ނޭޕާލްގެ ދެ ލައްކަ ހަތްދިހަ ފަސްހާހެއްހާ މީހުންނަށް ކޮވިޑް19 ޖެހިފައިވާ ކަމަށް ވެއެވެ. އަދި ދެހާހަށް ވުރެން ގިނަ މީހުން މިބަލިން މަރުވެފައި ވެއެވެ.