ކީރިތި ޤުރްއާނުގެ އައްރަޢްދު ސޫރަތުގެ 2 ވަނަ އާޔަތުގައި ވަނީ މި ފަދައިންނެވެ. اللّـه الّذى وفع السّماوات بغير عمدٍ ترونها މާނައަކީ “ﷲއީ ތިޔަބައި މީހުންނަށް ފެންނަ ތަނބުތަކަކާ ނުލައި، އުޑުތައް އުފުއްލެވި ރަސްކަލާނގެއެވެ.”

މި އާޔަތުގައި ބަޔާން ކުރައްވައިފައި މި ވަނީ ކާއިނާތުގެ ވަރަށް މަތިވެރި ޙަޤީޤަތެކެވެ. މި ޙަޤީޤަތާ މެދު ފުންކޮށް ވިސްނައި، ގަބޫލު ކުރެވުމާއެކު ހިތް ފުރިގެން ބަންޑުން ވެދެއެވެ. ގައިން ހީބިހި ނަގައިގެންފަތެވެ.

ޤަދީމީ ޒަމާނުގައި މީސްތަކުން ގަބޫލު ކުރަމުން އައީ ކޮންމެ އެއްޗެއްވެސް ގާއިމުވެ ހުންނަނީ ނުވަތަ އޮންނަނީ މާއްދީ އެއްޗެއްގެ އެހީގައި ކަމުގައެވެ. މިސާލަކަށް ތަރިތައް ހުންނަނީ ފަންގިފިލައެއްގައި (އުޑުގައި) އެލުވައިފައެވެ. ބިން އޮންނަނީ މާއްދީ ބިންގަލެއްގެ މަތީގައި ހަރުލާފައެވެ. އެހެން ނަމަވެސް މި ޒަމާނުގެ ސައިންސްގެ ތަރައްޤީއާއެކު ދުރުމި އީޖާދު ކޮށް، އެ ދުރިމީގެ ބޭނުންކޮށްގެން ފަޒާގެ ތެރެއަށް ބަލައިލުމުން ފެންނަނީ މުޅީން އެހެން މަންޒަރެކެވެ. ފަޒާގައި ހުންނަ އެއްވެސް އެއްޗަކީ ވަކި ތަނެއްގައި އެލުވައިފައި ހުންނަ އެއްޗެއް ނޫނެވެ. ޝަމްސީ ނިޒާމާއި، ތަރިތަކަކީ ފަޒާ ތެރޭގައި އެއްވެސް ތަނެއްގައި ނުޖެހި، އަދި އެއްވެސް މާއްދީ އެހީތެރިކަމަކާ ނުލައި ޙަރަކާތް ކުރަމުންދާ ދާ އެއްޗިއްސެވެ. ހަމަ އެކަނި މިޔެއް ނޫނެވެ. މި ތަކެތި ޙަރަކާތް ކުރާ ފަޒާގެ ބޮޑު މިނަކީ އޭގެ މިންވަރު އެނގުމެއް ނުވާ ވަރުގެ ބޮޑު މިނެކެވެ. މާސިންގާ ދުރުމިތަކުގެ އެހީގައިވެސް ފަޒާގެ އެންމެ ދުރަށް ނަޒަރެއް ނުހިންގެއެވެ.

އެއްވެސް ކަހަލަ މާއްދީ އެހީތެރިކަމަކާ ނުލައި ޙަރަކާތް ކުރަމުންދާ ކާއިނާތީ ނިޒާމުގެ ބޮޑުމިން އެނގޭކަށް ނެތެވެ. ކުރެވެނީ ހަމައެކަނި ލަފައެކެވެ. ލިބިފައިވާ ފޮޓޯތަކާއި، މަޢުލޫމާތުގެ އެހީގައި ކާއިނާތުގެ ބޮޑުމިން ބަޔާން ކޮށްދޭން ބޭނުން ކުރާނޭ ޢަދަދެއްވެސް ނޭނގެއެވެ. އަޅުގަނޑުމެން ބޭނުން ކުރާ ހިސާބުގެ ޢަދަދުތަކުން އެކަމެއް ނުކުރެވެއެވެ. އެހެންވީމާ ސައިންސްވެރިން ކުޅަ ކަމަކީ އާ ވައްތަރެއްގެ ހިސާބެއްގެ ބޭނުން ކުރަން ފެށީއެވެ. އެއީ އަލި އަހަރު ނުވަތަ ލައިޓް އިޔަރ ގެ ހިސާބެވެ. އަލި އަހަރަކީ އެއް އަހަރު ދުވަހުގެ ތެރޭގައި އަލި ދަތުރުކުރާ ދުރުމިނެވެ. އެއީ 6000000000000 މޭލެވެ.

ޙައްދެއް ނެތް މިންވަރުގެ ބޮޑު ފަޒާއެއްގައި، އިންތިހާއަށް ބޮޑު ކާއިނާތެއް ހިންގެވުމަކީ ހެއްދެވި ފަރާތުގެ މަތިވެރިކަމާއި، ޙައްދެއް ނެތް ކުޅަދުންވަންތަ ކަމުގެ ދަލީލެކެވެ.