ޖަރުމަނުގެ ބުންޑަސްލީގާގައި ރޭގައި ވީއެފްބީ ސްޓުޓްގާޓް އަތުން 4-0 އިން މޮޅުވެ ބަޔާން މިއުނިކުން ލީގުގެ އެއްވަނަ ދިފާއުކޮށްފިއެވެ.

ބަޔާނުގެ އެލިއެންޒް އެރީނާގައި ކުޅުނު މެޗުގައި ބަޔާނުގެ ފަރާތުން ފެނިގެންދިޔައީ ތަފާތު މޮޅު ކުޅުމެކެވެ. މެޗު ފެށިގެން ނިމެންދެން ބޯޅަ ކޮންޓްރޯލްކޮށްގެން ކުޅުނު ބަޔާނަށް މެޗުގެ ލީޑު ނެގުނީ ދެވަނަ ހާފުގައެވެ. މި ލަނޑަކީ, މެޗުގެ 57 ވަނަ މިނެޓުގައި ހެރީ ކޭން ކާމިޔާބު ކޮށްދިން ލަނޑެކެވެ.

ކޭން ވަނީ, އޭގެ ތިން މިނެޓު ފަހުން އޭނާގެ ދެވަނަ ލަނޑު ކާމިޔާބު ކޮށް, ބަޔާނުގެ ލީޑު ދެ ގޯލަށް އިތުރު ކޮށްދީފައެވެ. މެޗުގެ 80 ވަނަ މިނެޓުގައި ކޭން ވަނީ އޭނާގެ ތިންވަނަ ލަނޑު ޖަހާ, އެންމެ 23 މިނެޓު ތެރޭގައި އޭނާގެ ހެޓްރިކް ފުރިހަމަ ކޮށްފައެވެ.

ބަޔާނުގެ ހަތަރުވަނަ ލަނޑު ފެނިގެންދިޔައީ މެޗުގެ ނުވަދިހަ މިނެޓު ހަމަވާން އެންމެ މިނެޓަކަށް ވެފައި ވަނިކޮށެވެ. މި ލަނޑަކީ, ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅުމުގެ ތެރެއަށް އައި ކިންގްސްލީ ކޯމަން ކާމިޔާބު ކޮށްދިން ލަނޑެކެވެ. ކޯމަންގެ މި ލަނޑާއެކު ބަޔާނުން ވަނީ 4-0 އިން ފަސޭހަކަމާއެކު ސްޓުޓްގާޓް ބަލިކޮށްފައެވެ.

މެޗުން ލިބުނު 3 ޕޮއިންޓާއެކު ބަޔާނުން ވަނީ ތާވަލުގެ އެއްވަނަ ދިފާއުކޮށްފައެވެ. އެ ޓީމު ތާވަލުގެ އެއްވަނައިގައި އޮތީ ކުޅުނު 7 މެޗުން ލިބުނު 17 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އޮތް އާރްބީ ލެއިޕްޒިގަށް ވެސް ލިބިފައިވަނީ 17 ޕޮއިންޓެވެ. ނަމަވެސް ގޯލުގެ ތަފާތުން ކުރީގައި އޮތީ ބަޔާނެވެ.