ދިވެހި ސަރުކާރާއި ވަރލްޑް ބޭންކާ ގުޅިގެން ކުރިއަށް ގެންދާ "ޓްރާންސްފޯމިންގް ފިޝަރީޒް މެނޭޖްމަންޓް އިން ސައުތު ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް" ޕްރޮޖެކްޓްގެ ދަށުން ރާއްޖެއިން ބޭރުން މަތީ ތައުލީމު ހޯދަން އެދި އެޕްލިކޭޝަން ހުށައެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި ޕްރޮޖެކްޓްގެ ދަށުން އެޕްލިކޭޝަން ހުށައެޅުމަށް ހުޅުވާލައިފައިވާ ކޯސްތަކަކީ:
- ފިޝަރީޒް ޕޮލިސީ (މާސްޓާސް ޑިގްރީ - 1 ކޯސް)
- ފިޝަރީޒް ސައިންސް/ މެރިން ސައިންސް (ބެޗްލަރސް ޑިގްރީ - 2 ކޯސް)
- ސްޓެޓިސްޓިކްސް/ ޑާޓާ ސައިންސް (ބެޗްލަރސް ޑިގްރީ - 1 ކޯސް)
- އެކުއަކަލްޗަރ (ބެޗްލަރސް ޑިގްރީ - 1 ކޯސް)
މެރިން ސައިންސްގެ ދާއިރާއިން ރާއްޖެއިން ބޭރަށް ކިޔަވަން ދިއުމަށް ހުޅުވާލައިފައިވާ މި ފުރުސަތަށް ހުށައަޅާ ފަރާތްތަކުގެ ހަމަވާން ޖެހޭ ޝަރުތުތަކާއި އެޕްލިކޭޝަން ފޯމާއެކު ހުށައަޅަނަ ޖެހޭ ތަކެތީގެ އިތުރުން މި ދެވޭ ސްކޮލަޝިޕުން ކުރެވޭ ހަރަދުތައް ސަރުކާރުގެ ގެޒެޓްގައި އާއްމު ކުރި އިއުލާނުގައި ވަނީ ހިމަނާފައެވެ.
މި ސްކޮލަޝިޕް ލިބިއްޖެނަމަ ކޯސް ފުރިހަމަ ކުރުމަށްފަހު ސިވިލް ސަރވިސްގެ ގަވާއިދުގެ ދަށުން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއަށް ހިދުމަތް ކުރުމަށް ބޮންޑު ކުރެވޭނެއެވެ.
މި ކޯސްތަކަށް ކުރިމަތިލައްވަން ބޭނުންފުޅުވާ ފަރާތްތަކުން 20 ނޮވެންބަރު 2024 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން މި މިނިސްޓްރީގެ ޕްރޮޖެކްޓް މެނޭޖްމެންޓް ޔުނިޓަށް، (ހ. ޕަލްމޭރާ، 3 ވަނަ ފަންގިފިލާ، ސޯސަން މަގު) ހުށަހެޅުއްވުމަށް ފިޝަރީޒް މިނިސްޓްރީއިން ވަނީ އެދިފައެވެ. އެޕްލިކޭޝަނާއެކު ހުށައަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށައެޅިފައި ނުވާނަމަ އެޕްލިކޭޝަން ބާތިލުކުރެވިގެންދާނެއެވެ.
މި ކޯސްތަކާ ބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް, ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އާއި 14:00 ދެމެދު 3033484 ނަމްބަރު ފޯނަށް ގުޅުއްވުމަށް ފިޝަރީޒް މިނިސްޓްރީއިން ވަނީ އެދިފައެވެ.