އޯކިޑަކީ އޭގެ ރީތިކަމާއި ތަފާތު ވައްތަރުތަކުގެ ސަބަބުން ދުނިޔޭގެ އެންމެ ލޯބިލިބިފައިވާ މާތަކުގެ ތެރޭގައި ހިމެނޭ މަލެކެވެ. 30،000 އަށްވުރެ ގިނަ ބާވަތާއި 200،000 އަށްވުރެ ގިނަ ހައިބްރިޑް ވައްތަރު ހުރި މި މާގަސް، ހޫނު މޫސުމުގެ ވިލާތަކުން ފެށިގެން ފިނި އުސް ތަންތަނާ ހަމައަށް ތަފާތު މޫސުންތަކުގައި ފޯދެއެވެ.

މި މަލުގެ ތަފާތު މާޙައުލުތަކަށް ހޭނުމުގެ ޤާބިލުކަމުގެ ސަބަބުން، އަލިކަން ލިބޭ ކުޑަދޮރެއްގެ ކައިރިއަށް ވިޔަސް ނުވަތަ ގާޑެންައަކަށް ވިޔަސް، ތިބާގެ މާޙައުލާ ގުޅޭ އޯކިޑެއް ހުރުން އެކަށީގެންވެއެވެ.

އޯކިޑްގެ ބާވަތްތައް

އޯކިޑް ހެދޭ ގޮތުގެ މައްޗަށް ބަލާއިރު، މައިގަނޑު ދެ ބަޔަކަށް ބެހިގެންދެއެވެ. އެއީ މޮނޮޕޯޑިއަލް އަދި ސިމްޕޯޑިއަލްއެވެ. މޮނޮޕޯޑިއަލް އޯކިޑްތަކަކީ، 'ފަލައެނޮޕްސިސް' ފަދަ، އެއް މައި ތަނޑަކަށް ހެދި، މަތިން މާފޮޅޭ ބާވަތްތަކެވެ. އަނެއްކޮޅުން، ސިމްޕޯޑިއަލް އޯކިޑްތަކަކީ، 'ކެޓްލެޔާ' އަދި 'ސިމްބިިޑިއަމް' ފަދަ، އަރިމަތިން ހެދި ގިނަ ކުރިތަކެއް ނުކުމެ، ފެނުގެ ދަތިކަން ދިމާވާ ދުވަސްވަރު ދެމިހުރުމަށް ފެން ރައްކާކުރާ 'ސިއުޑޯބަލްބް' ތައް އުފައްދާ ބާވަތްތަކެވެ.

ހައްދާ މާޙައުލު

އޯކިޑަކީ ތަފާތު މާޙައުލުތަކުގައި ހެދޭ މާގަހެކެއެވެ. ހޫނު މޫސުމުގެ ޓްރޮޕިކަލް އޯކިޑްތައް ހެދުމަށް އެންމެ ރަނގަޅީ 23 ސެލްސިއަސްއިން 29 ސެލްސިއަސްއަށް ފިނިހޫނުމިން ހުންނަ މާޙައުލެވެ. މިއީ އަބަދުވެސް އިރުގެ އަލިކަން ލިބޭ ސަރަޙައްދުތަކަށް އެކަށޭނަ މަލެކެވެ. ގިނަ އޯކިޑްތަކަށް ސީދާ އަވީގެއަލިކަން ބޭނުންނުވިނަމަވެސް، 'ސިމްބިޑިއަމް' އަދި 'ވަންޑާ' ފަދަ ބާވަތްތަކަށް މާފޮޅުމަށް ވަރުގަދަ އަލިކަމެއް ބޭނުންވެއެވެ.

ގަސްއިންދުމުގެ ވާހަކަ ދައްކާއިރު، ގިނަ ޓްރިޕިކަލް އޯކިޑްތަކަކީ 'އެޕިފައިޓް' ތަކެކެވެ. އެއީ، ވެލީގެ ބަދަލުގައި ވައިގައި ހެދޭ ގަސްތަކެކެވެ. މިކަހަލަ ގަސްތަކުގެ މޫތަކަށް ވައި ދައުރުވުން މުހިންމެވެ. އެހެންކަމުން، ގަސްގަހުގެ ތޮށި، މޮސް (ފެހި)، ނުވަތަ ހިލައަށް އިންދުމުން މޫތައް ރައްކާތެރިކޮށް ހިފަހައްޓާދޭ އިރު ރަނގަޅަށް ފެނުގެ ޑްރެއިނެޖްވެސް ފޯރުކޮށްދެއެވެ.

އޯކިޑު ފަދަ 'އެޕިފައިޓް' ގަސްގަހަކީ ގުދުރަތީ ގޮތުން ވެލީގެ ބަދަލުގައި އެހެން ގަސްގަހުގެ ތޮށީގައިއާ ގޮފިތަކުގައި ހެދޭ އެއްޗެކެވެ. މީގެ އިތުރުން، އޯކިޑަށް ވައިގެ ތެއްކަން ނުވަތަ ހިއުމިޑީޓީ މުހިންމު ކަމަކަށްވާތީ، ފެން ސްޕްރޭކުރުން ނުވަތަ ހިއުމިޑިފަޔަރެއް ބޭނުންކުރުމުން އޯކިޑްގެ ޠަބީޢީ މާޙައުލު އުފެއްދިދާނެއެވެ.

ބެލެހެއްޓުމަށް އެހީއެއް

އޯކިޑަށް ފެން ދޭންވާނީ މަދުންނެވެ. ފެން ދޭ ދެމެދުގައި ގަސް އިންދާފައިވާ ތަކެތި ހިކުމަށް ދޫކޮށްލަންވާނެއެވެ. މިއީ މޫތައް ފީވިޔަ ނުދިނުމަށްޓަކައެވެ. ގިނަފަހަރަށް ހަފްތާއަކު އެއްފަހަރު ފެންދިނުން ފުދެއެވެ. އަދި ގަސް ބޮޑަށް ހެދޭ މޫސުމުގައި ގަސްކާނާ ދިނުމުން ދުޅަހެޔޮ މާތަކެއް ފޮޅުވުމަށް އެހީތެރިވެދެއެވެ. ގަސް އިންދުމުގެ ވާހަކަ ދައްކާއިރު، އޯކިޑްއަށް އާންމުކޮށް ކަމުދަނީ ކުދި ޕޮޓުތަކެވެ. އަދު ގަހަށް ނޭދެވޭ އަސަރު ކުރިޔަ ނުދިނުމަށް ކޮންމެހެން ބޭނުންވެއްޖެ ހާލަތެއްގައި މެނުވީ އެހެން ޕޮޓަކަށް ބަދަލު ނުކުރުން މުހިންމެވެ.

ރަނގަޅަށް ބަލަހައްޓައިފިނަމަ، އޯކިޑްތަކަށް ތިބާގެ ގެއަށް ނުވަތަ ގާޑަންއަށް ނުހަނު ރީތިކަމެއް ގެނެސްދެވޭނެއެވެ.