އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ވޮލްވްސް އަތުން ފަހަތުން އަރައި 2-1 އިން މެންޗެސްޓާ ސިޓީ މޮޅުވެ ތާވަލުގެ ދެވަނައިގައި ހަމަޖެހިލައިފިއެވެ.
ވޮލްވްސްގެ މޮލިނިއު ސްޓޭޑިއަމްގައި މިއަދު ކުޅުނު މެޗުގައި ބޯޅަ ހިފަހައްޓައިގެން ރަނގަޅަށް ކުޅުނީ ސިޓީއެވެ. ނަމަވެސް ކުޅުމުގެ އޮއިވަރާ ހިލާފަށް މެޗުގައު އެންމެ ފުރަތަމަ ލީޑު ނަގާފައިވަނީ ވޮލްވްސްއެވެ. މި ލަނޑަކީ މެޗުގެ 7 ވަނަ މިނެޓުގައި ސްޓްރޭންޑް ލާސެން ކާމިޔާބު ކުރި ލަނޑެކެވެ.
ވޮލްވްސްއިން މެޗުގެ ލީޑު ނެގުމާއެކު ސިޓީއިން ވަނީ އެ ޓީމުގެ ހަމަލާތައް އިތުރަށް ވަރުގަދަ ކޮށްފައެވެ. ހުށިޔާރުކަމާއެކު ސިޓީގެ ހަމަލާތައް މަތަކުރަމުން ދިޔަ ވޮލްވްސް ޑިފެންޑަރުން ފޫ އަޅުވާލައި ގޯލެއް ކާމިޔާބު ކޮށް ސިޓީއަށް ލީޑު ނަގައިދިނީ އެ ޓީމުގެ ޑިފެންޑަރު ޖޮޝްކޯ ގުވާޑިއޮލްއެވެ. މެޗުގެ 33 ވަނަ މިނެޓުގައި އޭނާ މި ލަނޑު ކާމިޔާބު ކުރީ މެޗުގެ 33 ވަނަ މިނެޓުގައެވެ.
މެޗުގެ ނަތީޖާ ހަމަހަމަ ކުރުމަށްފަހު ސިޓީއިން ވަނީ ހަމަލާއަކަށްފަހު ހަމަލާއެއް ވޮލްވްސްގެ ގޯލާ އަމާޒުކޮށް ފޮނުވާލައި, ލަނޑެއް ޖެހުމަށް އެތައް މަސައްކަތެއް ކޮށްފައެވެ. އެ ގޮތުން ސިޓީއިން ވަނީ މެޗުގައި ޖުމްލަ 22 ހަމަލާ އުފައްދާފައެވެ.
ވޮލްވްސްގެ ވަރުގަދަ ޑިފެންސް, މެޗުގައި ދެވަނަ ފަހަރަށް ސިޓީއަށް ފޫއަޅުވާލެވުނީ ނުވަދިހަ މިނެޓު ހަމަވެ ކުޅުނު އިތުރު ވަގުތުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ޖޯން ސްޓޯންސްއެވެ. ސްޓޯންސްގެ މި ލަނޑާއެކު ސިޓީއިން ވަނީ ފަހު ވަގުތުގައި މެޗުގެ ލީޑު ނަގާ, ތިން ޕޮއިންޓު ކަށަވަރުކޮށްފައެވެ.
މެޗުން ލިބުނު 3 ޕޮއިންޓާއެކު ސިޓީއިން ވަނީ ތާވަލުގެ އެއްވަނައިގައި އޮތް ލިވަޕޫލަށް އޮތް ޕްރެޝަރު ދަމަހައްޓާފައެވެ. ސިޓީ ތާވަލުގެ ދެވަނައިގައި އޮތީ ކުޅުނު 8 މެޗުން ލިބުނު 20 ޕޮއިންޓާއެކުގައެވެ. އެއްވަނައިގައި އޮތް ލިވަޕޫލަށް ލިބިފައިވަނީ 21 ޕޮއިންޓެވެ. އަމިއްލަ ދަނޑުގައި ސިޓީ އަތުން ނާކާމިޔާބު ވޮލްވްސް އޮތީ ކުޅުނު 8 މެޗުން ލިބުނު އެއް ޕޮއިންޓާއެކު ތާވަލުގެ ފުލުގައެވެ.