އޭޝިއާގައި އެމެރިކާއިން ކުރާނެ ހަނގުރާމައަކަށް ތައްޔާރުވާން ވެގެން ދެވަނަ ބޮޑު ހަނގުރާމައިގައި ބޭނުންކުރި ޓިނިއަން ޖަޒީރާއަށް އެމެރިކާ ސިފައިން ފައިބައިފިއެވެ. ޖީޕީއެސްއާއި ދެވަނަބޮޑު ހަނގުރާމައިގެ ބްލެކް އެންޑް ވައިޓް ފޮޓޯތައް ހިފައިގެން މިމީހުން މަސައްކަތް ކުރަނީ ބޮޑު ހަނގުރާމައިގައި އެމެރިކާއިން ބޭނުން ކުރި ރަންވޭ ހޯދައި ގަސްކޮށައި އެ ރަންވޭ އަލުން ބޭނުން ކުރެވޭ ގޮތަށް ހަދާށެވެ.
7 ހާސް ފޫޓޫގެ ރަންވޭ އިން އެމެރިކާއަށް ޗައިނާއާ ކުރިމަތި ލުމަށް ކުރީގައި އޮންނަ ދިފާއީ މަރުކަޒަކަށް އެޖަޒީރާ ފުދޭނެ ކަމަށް ބުނެއެވެ.
އެމރިކާގެ މުހިންމު އަސްކަރީ މަރުކަޒު ގުއާމްގެ ކުރިއަށް އޮންނަ މި ޖަޒީރާއަކީ، އެމެރިކާއިން ފިލިޕީންސްގައި ބޭނުން ކުރާނެ ވައިގެ ދެ އަސްކަރީ މަރުކަޒަކާއި ޖަޕާނުގެ މަރުކަޒުގެ އިތުރުން ދުރާލައި ހަމަލަ ދިނުމަށް ބޭނުން ކުރާނެ މަރުކަޒަކަށް ވާނެ ކަމަށް މިއަދުގެ ވޯލްސްޓްރީޓް ޖާނަލްގައި ބުނެފައިވެއެވެ.