ޕާކިސްތާނުން ޤާނޫނުއަސާސީއަށް ގެނަސްފައިވާ 26 ވަނަ އިސްލާހާއެކު ސުޕްރީމް ކޯޓުގެ ބާރުކަނޑުވާލައިފިއެވެ.

  • ޕާކިސްތާންގެ ޤާނޫނުހަދާ މަޖިލީހުގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުން އިއްޔެ ފާސްކުރި އިސްލާޙުގައި ވަނީ:
  • ޕާކިސްތާންގެ ސުޕްރީމް ކޯޓަށް ލިބިދޭ ސޫމޯޓޯ ބާރު ނިގުޅައިގެންފައެވެ.
  • އުއްތަމަ ފަނޑިޔާރުގެ ދައުރު ތިން އަހަރަށް ކުޑަ ކޮށްފައެވެ.

އުއްތަމަ ފަނޑިޔާރު އައްޔަން ކުރުމުގެ ބާރު ބޮޑު ވަޒީރަށް ނަގައި ދީފައެވެ. ކުރިން އޮންނަ ގޮތާ ޚިލާފަށް އެންމެ ސީނިއާ ފަނޑިޔާރު އައްޔަން ވެގެން ދިއުމުގެ ބަދަލުގައި މިހާރު އެންމެ ސީނިއާ 3 ފަނޑިޔާރުންގެ ތެރޭން ބޮޑު ވަޒީރު ގަޔާވާ ފަނޑިޔާރަކަށް އުއްތަމަ ފަނޑިޔާރުކަން ދެވޭނެއެވެ.

މިދިޔަ މަހު މި އިސްލާހު ފާސްކުރަން އުޅުމުން ޖަމުއިއްޔަތޭ އުލަމާއޭ އިސްލާމް (ފަޒުލު) އިން ވަނީ އެ އިސްލާހު ތަކާ ދެކޮޅު ހަދާފައެވެ. ފަހުން އިދިކޮޅި އިމްރާން ޚާންގެ ޕީޓީއައިވެސް ހިމެނޭ ގޮތަށް ހުރިހައި ޕާޓީއަކުން މީހުން ހިމަނައިގެން ކޮމިޓީއެއް އެކުލަވައި ލީއެވެ. އަދި މިއިސްލާހުތަް ފާސްކުރުމުގައި އިސްކޮށް ފަހުން އުޅުނީ ޖަމުއިއްޔަތޭ އުލަމާއޭ އިސްލާމް ފަޒުލުންނެވެ.

އިމްރާން ޚާން ޕާޓީން މިއިސްލާހު ފާސްކުރުމުގައި ބައިވެރިވި 6 އެމްޕީންނާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އެޅުމަށް ޕީޓީއައިން ވަނީ ގޮވާލާފައެވެ. އެމީހުން ޕާޓީގެ ސިޔާސަތާއި ޕާޓީއަށް ޚިޔާނާތްތެރިވީކަމަށް ބުނެފައި ވެއެވެ.

ޖުމުލަ 56 އިސްލާހެއް ހުށަހަޅައިގެން ޚިޔާލު އެއްގޮތްކޮށް އެއިން ފާސްކޮށްފައި ވަނީ 27 އިސްލާހެކެވެ.