ޗައިނާއަކީ އޮސްޓްރޭލިއާ ރައްޔިތުންނަށް ނުރައްކާތެރި ގައުމެއްކަމަށް ބުނެ އޮސްޓްރޭލިއާއިން ރައްޔިތުންނަށް ޗައިނާއަށް ނު ވަނުމަށް އެންގިއެވެ. ސެޕްޓެމްބަރު މަހު ކޮށްފައިވާ މި އިޢްލާން ދިމާވަނީ އޮސްޓްރޭލިއާގެ ދެ ރައްޔިތަކަށް ޗައިނާގައި ޖެހުނު ހާލާ ހެދިއެވެ. މި ދެ ރައްޔިތުންނަކީ ޗައިނާގައި ނުސްވެރިންގެ ގޮތުގައި މަސައްކަތް ކުރި މީހުންނެވެ. މިމީހުން ޗައިނާއިން ބޭރުވީ ފަސް ދުވަސްވަންދެން ޗައިނާގެ ސަލާމަތީ ބާރުތަކާ ދެމެދު ދެބަސްވުންތައް ހިގުމަށް ފަހުއެވެ.

ޗައިނާއިން އޮސްޓްރޭލިއާގެ ނޫސްވެރިންނާ ދެކޮޅަށް ހިންގާފައިވާ އަމަލަކީ، އޮސްޓްރޭލިއާއިން އެޅިފިޔަވަޅަކަށް ދިން ރައްދެކެވެ.

އޮސްޓްރޭލިއާގެ ފުލުހުން ބުނިގޮތުގައި ސިޔާސީ ކަންތައްތަކަށް ނުފޫޒު ފޯރުވަން ހަތް މީހަކު އުޅެއެވެ. އެމީހުން ތުހުމަތު ކުރި މީހުންގެ ތެރޭގައި، އޮސްޓްރޭލިއާގައި ހުންނަ ޗައިނާ ކޮންސުލްވެސް ހިމެނެއެވެ. މިމީހުންނަށް ތުހުމަތު ކޮށްފައިވަނީ އޮސްޓްރޭލިއާގެ ލޭބަރ ޕާޓީއަށް ވަދެގަނެ، ސިޔާސީ ކަންކަމަށް ނުފޫޒު ފޯރުވުމެވެ.

ޖޫން މަހު އޮސްޓްރޭލިއާއިން ހިންގި ތަހްގީގެއްގައި އޮސްޓްރޭލިއާގެ ޕާލަމެންޓްގެ މެންބަރަކާއި، ޗައިނާ ދަރިކޮޅުގެ އޮސްޓްރޭލިއާ މީހަކާ ދެކޮޅަށް ހައްޔަރުކުރުމަށް އަމުރެއް ނެރެފައި ވެއެވެ.

މިމީހުންގެ ފޯން ކޯލާއި އީމެއިލްތައް ބެލުމުން އެނގުނީ ޗައިނާއިން ބޭނުންވާ ކަންކަން އޮސްޓްރޭލިއާގެ ލޭބަރ ޕާޓީމެދުވެރިކޮށް ހިންގުމަށް މިމީހުންނާއި ޗައިނާ ކޮންސުލްއާ ދެމެދު މުވާސަލާތު ކުރެވިފައިވާ ކަމެވެ.

މި ތަހްގީގު އިތުރަށް ފުޅާ ވެގެން ދިއުމުން ހަތަރު ނޫސްވެރިއަކު މިކަމުގައި ބައިވެރިވިކަންވެސް އެނގެއެވެ. އަދި އޮސްޓްރޭލިއާގައި މަސައްކަތް ކުރާ ޗައިނާގެ ސްކޯލަރއެއްގެ ވިސާވެސް އޮސްޓްރޭލިއާއިން ބާޠިލުކުރިއެވެ.

މިއާއެކު އޮސްޓްރޭލިއާ ޕާލަމެންޓްގައި ބަހުސަކަށްވީ ނޫސްވެރިންގެ މާލަމުގައި ޗައިނާ މީޑިއާއަށް ޖާގަދިނުމާ ގުޅޭ ގޮތުންނެވެ. ޕާލަމެންޓުން ބުނިގޮތުގައި ޗައިނާ މީޑިއާއަކީ މީޑިއާ އެޖެންސީއަކަށް ވުރެން ބޮޑަށް ޗައިނާގެ މަސްލަހަތު ކުރިއެރުވުމަށް މަސައްކަތް ކުރާ ތަނެކެވެ.

މި އަރާރުންތަކެގެ ތެރޭގައި ޗައިނާއިން އިންޒާރު ދީފައި ވަނީ އޮސްޓްރޭލިއާގެ އުފެއްދުންތައް ޗައިނާއިން އެތެރެ ނުކުރާނެ ކަމަށެވެ. އަދި ބައެއް ބާވަތްތަކުން 80 އިންސައްތަ ޑިއުޓީ ނަގާނެ ކަމަށެވެ.

އޮސްޓްރޭލިއާ ނޫސްވެރިންނަށް ދިމާވި ކަމަކީ، ޚާއްސަ ހާލަތެއް ނޫނެވެ. އެއީ ބޭރުގެ ނޫސްވެރިންނަށް ޗައިނާގައި ދިމާވާ މައްސަލައެކެވެ. މިކަމުގައި އިތުރަށް އުދަނގޫތަކާ ކުރިމަތި ވަނީ، ޗައިނާއާ އެކު މައްސަލަ އުޅޭ ގައުމުގެ ނޫސްވެރިންނަށެވެ.

މިއަހަރުގެ ފެބްރުއަރީ މަހު، ޗައިނާގައި ތިބޭ ބޭރު ނޫސްވެރިންގެ ޖަމުއިއްޔާއިން ބުނެފައި ވަނީ ބޭރު ނޫސްވެރިންނަށް ފާރަލުމުގެ މައްސަލަތައ ޗައިނާގައި އިތުރު ވާން ފަށާފައިވާ ކަމުގައެވެ. އަދި ނޫސްވެރިން ކޮންޓްރޯލު ކުރުމަށް ވިޒާ ދަތިރުކުރުމަކީ ޗައިނާއިން ބޭނުންކުރާ އުކުޅެއް ކަމުގައިވެސް މި ޖަމުއިއްޔާއިން ބުންޏެވެ.

ޗައިނާގެ މަގްސަދަކީ، ފާޑުކިޔުން ހުއްޓުވުމެއް ނޫނެވެ. ނަމަވެސް އެތައް ބަޔަކު އެއްވެގެން ޗައިނާގެ ކަންކަން ބަދަލުކޮށްލުމަށް ފުރުސަތު ފަހިވާފަދަ ކަމެއް ވެ ނުދިނުމެވެ.

ބޭރުގެ ނޫސްވެރިންގެ އީމެއިލް ހެކްކުރުމާއި ނޫސްވެރިންގެ ގެތަކާއި އޮފީސްތަކުގެ އެތެރެ މޮނީޓަރ ކުރުން ފަދަ ކަންތައްތައް ކުރެއެވެ.

ޗައިނާއިން ވަނީ ނޫސީދާ ގޮތެއްގައި ޗައިނާގައި ތިބޭ ބޭރުގެ ނޫސްވެރިންގެ ދިރިއުޅުން ދަތިކޮށްފައެވެ. އެމީހުން އަމިއްލައަށް ބޭރުވެގެން ދިއުމަކީ ޗައިނާ ބޭނުންވާ ގޮތެވެ.

ޗައިނާ އިން މިގޮތަށް ބޭރގެ މީޑިއާއާ މެދު ކަން ކުރާއިރު ޗައިނާ ބޭނުންވަނީ ބޭރު ގައުމުތަކުގައި ޗައިނާ މީޑިއާއަށް ދައްޗަކާ ނުލައި މިނިވަންކަމާއެކު އުޅުމަށް ފުރުސަތު އޮތުމެވެ. ޗައިނާގެ ދެފުށް ދެގޮތް ސިޔާސަތެވެ.