ދުންފަތުގެ އިސްތިޢުމާލު ކުރުމަށް ބޭނުންކުރާ ވަސީލަތެއްކަމަށްވާ ވޭޕް އެތެރެކުރުމާއި ވިއްކުން މަނާކުރެއްވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުމަކީ މިއަދާއި މާދަމާގެ ޖީލުތަކަށްޓަކައި ނިންމެވި ހިތްވަރުގަދަ ނިންމެވުމެއްކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ރައީސްގެ ނިންމެވުމާއެކު ރަސްމީ އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައެވެ.

ދިވެހިރާއްޖޭގައި ވޭޕް މަނާކުރުމާއި، ވިއްކުން މަނާ ކުރުމަށް ހަމަޖައްސާފައިވަނީ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ. އެ ދުވަހުން ފެށިގެން ރާއްޖެ އެތެރެކުރުން މަނާކުރަން ނިންމާފައިވާ ކަމަށް ރައީސް މުޢިއްޒު ވަނީ ވިދާޅުވެފައިއެވެ. އަދި އެފަދަ ތަކެތި މިއަހަރުގެ ޑިސެމްބަރު 15 ވަނަ ދުވަހުން ފެށިގެން އެފަދަ ތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، އިޝްތިހާރު ކުރުން މަނާކުރުމަށްވެސް ރައީސް ވަނީ އަންގަވާފައެވެ.

ރައީސްގެ މި ނިންމެވުމާއެކު ގިނަ ފަރާތްތަކުން ވަނީ ރައީސްއަށް ތަޢުރީފްކުރައްވާފައެވެ. އެގޮތުން ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާއިންވެސް ވަނީ ރައީސްގެ ނިންމެވުމަށް ތަޢުރީފްކުރައްވާ މަރުޙަބާ ދަންނަވާފައެވެ.