ލިވަޕޫލާއެކު ހަދާފައިވާ ކޮންޓްރެކްޓް އާ ކުރުމުގެ މަސައްކަތް ފަށައިފިިން ކަމަށް އެ ޓީމުގެ ކެޕްޓަން ވާޖިލް ވެންޑައިކް ބުނެފިއެވެ.
މީޑިއާތަކާ ވާހަކަދައްކަމުން ވެންޑައިކް ވަނީ އޭނާގެ ކޮންޓްރެކްޓް އާ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަން ކަށަވަރު ކޮށްދީފައެވެ. ނަމަވެސް ވެންޑައިކް ވަނީ, އޭނާ އާ ކޮންޓްރެކްޓެއްގައި ސޮއި ކުރާނެ ކަމުގެ ޔަގީން ކަމެއް އަދި ދެވެން ނެތް ކަމަށް ބުނެފައެވެ.
"ކޮންޓްރެކްޓް އާ ކުރުމުގެ މަޝްވަރާތައް ކުރިއަށް އެބަދޭ. އާ ކޮންޓްރެކްޓެއްގައި ސޮއި ކުރާނަންތޯ ނުވަތަ ނޫންތޯ ބުނެވޭނީ އަދި ފަހުން. މި ވަގުތު އަހަރެންގެ ހުރިހާ ސަމާލުކަމެއް ވެސް އޮތީ ލިވަޕޫލު ކާމިޔާބީއާ ހަމައަށް ވާސިލުކޮށްދިނުން" ކުރިމަގާ ބެހޭ ގޮތުން ވާހަކަދައްކަމުން ވެންޑައިކް ބުންޏެވެ.
ވެންޑައިކްގެ ކޮންޓްރެކްޓް މި ސީޒަނުގެ ނިޔަލަށް ހަމަވާއިރު އަދި ވެސް އާ ކޮންޓްރެކްޓެއްގައި އޭނާ ސޮއި ކޮށްފައިނުވާތީ ސަޕޯޓަރުން އަންނަނީ އެ ކަމުގެ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. ވެންޑައިކްއަކީ ލިވަޕޫލުގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާއަށްވާއިރު އޭނާގެ ކޮންޓްރެކްޓް ހަމަވާން އަހަރަކަށްވުރެ މަދު ދުވަސް ވެފައިވާތީ ކްލަބުގެ ސަޕޯޓަރުން އަންނަނީ މެނޭޖްމަންޓަށް ފާޑު ކިޔަމުންނެވެ.
ވެންޑައިކްގެ އިތުރުން ޓްރެންޓް އެލެކްސެންޑާ އާނޯލްޑް އަދި މުހައްމަދު ސަލާހުގެ ކޮންޓްރެކްޓް ވެސް މި ސީޒަނުގެ ނިޔަލަށް ހަމަވާނެއެވެ. ޓްރެންޓް އަދި ސަލާހުގެ ސޮއި ހޯދުމަށް އެތައް ކްލަބަކުން ކެތްމަދުވެފައިވާއިރު މި ދެ ކުޅުންތެރިންގެ ކޮންޓްރެކްޓް އާ ކުރަން ލިވަޕޫލުން އެއް ވެސް މަސައްކަތެއް ކުރަމުން އަންނަ ކަމެއް ރަސްމީކޮށް އެނގިފައެއް ނުވެއެވެ.