ބާސެލޯނާއިން އެ ކްލަބުގެ ޒުވާން މިޑްފީލްޑަރު, ފާމިން ލޯޕޭޒްގެ ކޮންޓްރެކްޓް އާކޮށްފިއެވެ.

ބާސާއާއެކު ޕާމިން ކުރިން ހަދާފައިވާ ކޮންޓްރެކްޓް 2027 ވަނަ އަހަރުގެ ހޫނު މޫސުމަށް ހަމަވާއިރު, އެ ކްލަބުން ވަނީ 2029 ވަނަ އަހަރާ ހަމައަށް އޭނާގެ ކޮންޓްރެކްޓް ދިގުކޮށްފައެވެ. މިއީ, ކްލަބުގެ ޒުވާން ކުޅުންތެރިން އެ ކްލަބުގައި ބެހެއްޓުމަށް ބާސާއިން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ކުރި ކަމެކެވެ.

ފާމިންގެ އާ ކޮންޓްރެކްޓާއެކު އޭނާގެ މުސާރަ ބޮޑުވެގެންދިއުމުގެ އިތުރުން ރިލީޒް ކްލޯސް މަތިކުރެވިގެންދާނެ ކަމަށް ރިޕޯޓުތަކުން ހާމަކުރެއެވެ. ނަމަވެސް ކޮންޓްރެކްޓުގެ ތަފްސީލުތައް އަދި ބާސާއިން ހާމަކޮށްފައެއް ނުވެއެވެ.

ފާމިންގެ ކޮންޓްރެކްޓް އާ ކުރުމަށްފަހު ބާސާއިން ދެން ރާވަމުން އަންނަނީ ޕެޑްރީ އަދި ގަވީގެ ކޮންޓްރެކްޓު އާ ކުރުމަށެވެ. ޒުވާން ކުޅުންތެރިންތަކުގެ ކޮންޓްރެކްޓް އާ ކުރުމަށް ބާސާއިން ހާއްސަ ސަމާލުކަމެއް ދެމުން އަންނައިރު, ފްރޭންކީ ޑިޔޮންގް އަދި ރޮނަލްޑް އަރައުހޯގެ ކޮންޓްރެކްޓް އާ ކުރުމަށް މިހާރު ވެސް އަންނަނީ މަޝްވަރާ ކުރެވެމުންނެވެ.