ނޭޝަނަލް ފުޑް ސޭފްޓީ އެންޑް ކޮލިޓީ ބޯޑަށް މެންބަރުކަމަށް ނަން ހުށައެޅުމުގެ ފުރުސަތު ހެލްތު މިނިސްޓްރީއިން ހުޅުވާލައިފިއެވެ.

މިނިސްޓްރީ އޮފް ހެލްތުން ހުޅުވާލައިފައިވަނީ ފުޑް ސައިންސްގެ މާހިރެއް ގޮތުގައި ނޭޝަނަލް ފުޑް ސޭފްޓީ އެންޑް ކޮލިޓީ ބޯޑުގައި މަސައްކަތް ކުރުމުގެ ފުރުސަތަށް އެދި ހުށައެޅުމެވެ.

މި މަގާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކަކީ ކާބޯތަކެތީގެ ފެންވަރާއި ސިއްހީ ރައްކާތެރިކަމާއި ކާބޯތަކެއްޗަކީ ސިއްހަތަށް ފައިދާހުރި ތަކެތި ކަމުގައި ކަށަވަރުކުރުމާ ގުޅޭގޮތުން އޮތޯރިޓީއަށް ލަފަޔާއި އިރުޝާދާއި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމެވެ. އޭގެ އިތުރު ގާނޫނު ތަންފީޒުކުރުމުގައި ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދުމުގައި އޮތޯރިޓީއަށް ލަފާދިނުން ވެސް މި މަގާމުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެއެވެ.

މި މަގާމަށް އެދި ހުށައެޅުމުގެ ސުންގަޑިއަކީ 31 އޮކްޓޯބަރު ވާ ދުވަހުގެ މެންދުރު 13:00 އެވެ.

މަގާމާ ބެހޭ އިތުރު މައުލޫމާތު ސާފުކުރެއްވުމަށް 3014342 ނުވަތަ 3014336 އަށް ގުޅުއްވުމަށް ހެލްތު މިނިސްޓްރީއިން ވަނީ އެދިފައެވެ.