ޗައިނާގެ ދަރިމައިވުމުގެ ނިސްބަތް ދަށަށްދާ ނިސްބަތް މިހާރުވެސް މިއޮންނަ ގޮތަށް އޮވެއްޖެނަމަ، ކުރިއަށް އޮތްތަނުގައި އަލަށް އުފަންވާ ކޮންމެ ކުއްޖަކަށް ހަ މީހަކު މަރުވާނެ ކަމަށް ޑިމޮގްރަފަރަކު އިންޒާރު ދީފި އެވެ.
"މިހާރު ހުށަހަޅާފައިވާ ގިނައަދަދެއްގެ އިންސެންޓިވް ޕޮލިސީތަކާއެކު ދަރިމައިވުމުގެ ނިސްބަތް މަތިކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށާއި، 1.0 ގައި ބެހެއްޓުމަކީ ވެސް އަތްފޯރާފަށުން ބޭރުގައި އޮތް ކަމެއް ކަމަށް ފެނޭ،" ޗައިނާގެ ޕޮޕިއުލޭޝަން ރިސާޗް އިންސްޓިޓިއުޓުން ދާދި ފަހުން ޝާއިއުކުރި ރިޕޯޓެއްގައި ޗައިނާގެ އާބާދީއާ ބެހޭ ގޮތުން އިންޒާރު ދީފައިވެ އެވެ. ސައުތު ޗައިނާ މޯނިންގ ޕޯސްޓްގެ ރިޕޯޓްގައި ބުނެފައި ވަނީ ކައިވެންޏާ ދެކޮޅު އަދި ދަރިން ހޯދުމާ ދެކޮޅު ޝުއޫރުތައް ޗައިނާގެ ޒުވާނުންގެ މެދުގައި އުޅެނީ ވަރުގަދަ ކޮށެވެ. އަދި ގިނަ ކުދިން ވިހެއުމަށް ބާރުއަލައި، ތާއީދުކުރާ ސިޔާސަތުތައް މީހުންގެ މެދުގައި މަގްބޫލުކަމަށް ނުފެންނަ ކަމަށްވެސް ބުނެއެވެ.
ޗައިނާގެ ޕޮޕިއުލޭޝަން އެންޑް ޑިވެލޮޕްމަންޓް ރިސާޗް ސެންޓަރުން ލަފާކުރާ ގޮތުގައި 2022 ވަނަ އަހަރު ޗައިނާގެ ދަރިމައިވުމުގެ ނިސްބަތް 1.09 އަށް ދަށްވެފައިވާއިރު، ޗައިނާގެ އެންމެ މުއްސަނދި އެއް ސިޓީ ކަމަށްވާ ޝަންހާއީގެ ޖުމްލަ ދަރިމައިވުމުގެ ނިސްބަތް 2023 ވަނަ އަހަރު 0.6 އަށް ދަށްވެފައިވާ ކަމަށް އެ ސިޓީގެ މުނިސިޕަލްޓީން ބުނެ އެވެ. ދަރިމައިވުމުގެ ނިސްބަތަކީ ކޮންމެ އަންހެނަކަށް އުފަންވާ ކުދިންގެ އެވްރެޖް އަދަދަށް ނިސްބަތް ކޮށް ބަލާ މިންގަނޑެވެ.
ޑިމޮގްރަފަރުން ބުނެފައިވަނީ 2023 ވަނަ އަހަރު ޗައިނާގެ ދަރިމައިވުމުގެ ނިސްބަތް 1.0 އަށް ވުރެ ދަށަށް ވެއްޓުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.