އިސްލާމީ ކަންކަމާ ބެހޭ ވަޒީރު، ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް މަރުގެ އިންޒާރު ދިން މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ.

މި މައްސަލަ ހުށަހަޅާފައިވަނީ އިއްޔެގެ ވަގުތެއްގައި ސިޓީއަކުން ކަމަށް ފުލުހުން މިއަދު ވަނީ ހާމަކޮށްފައެވެ.

ފުލުހުން ވިދާޅުވެފައިވަނީ މި މައްސަލަ މިހާރު ތަހުގީގު ކުރަމުންދާ ކަމަށެވެ. އެހެންނަމަވެސް، މި މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

މި ހާދިސާ ހިނގާފައިމިވަނީ ދާދިފަހުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ވެސް މީހަކު މަރުގެ އިންޒާރު ދިނުމަށްފަހުގައެވެ. ރައީސަށް މަރުގެ އިންޒާރު ދިން މައްސަލައިގައި ގ. ސަންސަންގެއާގެ، އަބްދުﷲ މިޔާދު (40 އ) ވަނީ ހައްޔަރުކޮށްފައެވެ. އަދި ކްރިމިނަލް ކޯޓުން ވަނީ އޭނާ 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ.