ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނަށް ވަޒީފާ ދޭ ފަރާތްތަކުން ދައުލަތަށް ދައްކަންޖެހޭ ފީތަކާއި ޖޫރިމަނާގެ ގޮތުގައި މިހާތަނަށް 1 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާކަމަށް ދާޚިލީ ސަލާމަތާއިި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަޒީރު އިޙުސާން ވިދާޅުވީ، ރާއްޖޭގައި ބިދޭސީންނަށް ވަޒީފާދޭ ފަރާތްތަކުން ފީއާއި ޖޫރިމަނާގެ ގޮތުން ދައުލަތަށް ދައްކަންޖެހޭ 1.7 ބިލިއަން ރުފިޔާގެ ތެރެއިން އެއް ބިލިއަން ރުފިޔާ ހޯދާފައިވާ ކަމަށެވެ. އަދި މިހާރު ނުލިބި ހުރީ 703 މިލިއަން ރުފިޔާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރެވޭ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން، "އޮޕަރޭޝަން ކުރަނގި" ގެ ނަމުގައި ޖޫން 3 ގައި ފެށި އޮޕަރޭޝަނުގެ ދަށުން މިހާތަނަށް 6,891 ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާ އެއްކޮށްފައިވާ ކަމަށް ވަޒީރު އިޙުސާން ހާމަކުރެއްވިއެވެ. މި އޮޕަރޭޝަނުގެ ދަށުން ރާއްޖޭގެ 82 ރަށެއްގައި އުޅޭ ބިދޭސީންގެ މަޢުލޫމާތު ނެގިފައިވެއެވެ.

ވަޒީރު އިޙުސާން އިތުރަށް ވިދާޅުވީ، އެއް އަހަރުގެ ތެރޭގައި ހުރިހާ ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާ ނެގުމަށް އަމާޒުކުރާ ކަމަށާއި، މިހާރު ކުރިއަށްދާ ދުވެލީގައި ދާނަމަ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް އެ މަސައްކަތް ނިމޭނެ ކަމަށެވެ. އަދި ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހު މާލޭގައި ވެސް މި އޮޕަރޭޝަން ފެށޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މި އޮޕަރޭޝަނުގައި 150 އަށްވުރެ ގިނަ މުވައްޒަފުން ބައިވެރިވާނެ ކަމަށާއި، ސަރުކާރުގެ އެސްއޯއީތަކުގެ އެއްބާރުލުން ވެސް ލިބޭނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލައަށް 3 އަހަރު ދުވަހުގެ ތެރޭގައި ހައްލުކުރުމަށް އަމާޒުކުރާކަމަށްވެސް ވަޒީރު އިޙުސާން ވިދާޅުވިއެވެ.