އިޓަލީގެ ވެރިރަށް ރޯމްގައި މިމަހުގެ 21 އިން 25އަށް ކުރިއަށް ގެންދާ ކޮމިޓީ އޮން ވޯލްޑް ފުޑް ސެކިޔުރިޓީ ބައްދަލުވުމުގައި ހިމެނޭ ފޯރަމްތަކުގެ ތެރެއިން ''ކޯޑިނޭޓެޑް ޕޮލިސީ ރިސްޕޯންސަސް ޓު ފުޑް ކްރައިސިސް – ދަ ސްޓޭޓް އޮފް ދަ ފުޑް ސެކިޔުރިޓީ އެންޑް ނިއުޓްރިޝަން އިން ދަ ވޯލްޑް" ފޯރަމްގައި މިނިސްޓަރ ޑރ. އައިޝަތު ރަމީލާ ވަނީ މިއަދު ވާހަކަފުޅު ދައްކަވާފައެވެ.

މިނިސްޓަރގެ ވާހަކަފުޅު ބައްޓަންކުރައްވާފައިވަނީ ދުނިޔެއިން ބަނޑުހައި ހޫނުކަން ނައްތާލުމަށާއި، ފޯރުކޮށްދެވޭ ކާނާއަކީ އިންސާނާ ދިރިހުރުމަށް ބޭނުންވާ ނިއުޓްރިޝަން ހިމެނޭ ކާނާކަން ކަށަވަރު ކުރުމަށް ޤައުމީ ފެންވަރުގަޔާއި، ސަރަޙައްދީ ފެންވަރުގައި އަދި ބައިނަލްޢަޤްވާމީ ފެންވަރުގައި މަސައްކަތް ކުރުމަށް ހަދަންޖެހޭ ސިޔާޞަތުތައް ހެދުމަށް މި ކޮމިޓީއިން ހަދާފައިވާ ގައިޑްލައިންތަކާއި އެއްގޮތަށް ދިވެހިރާއްޖޭގެ ދަނޑުވެރިކަމުގެ މަސައްކަތްތައް ބައްޓަންކުރުމަށް ކުރަމުން ގެންދާ މަސައްކަތްތަކަށާއި އެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ދިމާވާ ހުރަސްތަކަށެވެ.

ރާއްޖެއަކީ އިމްޕޯޓްކުރާ ކާބޯތަކެއްޗަށް ބަރޯސާވަމުން އަންނަ ޤައުމެއް ކަމަށާއި، މިގޮތުގައި ދެމިތިބުމަކީ ޙައްލެއް ނޫންކަމަށާއި ރާއްޖެއަކީވެސް މުސްތަޤްބަލުގައި ކާނާގެ ޔަޤީންކަން ކަށަވަރުވެފައިވާ ޤައުމަކަށް ހެދުމަށް މަސައްކަތްކުރަން ޖެހޭކަމަށް މިނިސްޓަރގެ ވާހަކަފުޅުގައިވަނީ ވިދާޅުވެފައެވެ. ދިވެހިރާއްޖޭގެ ކާނާގެ ނިޒާމު މިހާރު ބައްޓަންވެފައިވާ ގޮތް ބަދަލު ކުރަންޖެހޭ ވަގުތު ޖެހިއްޖެކަމަށާއި، ރާއްޖޭގެ ދަނޑުވެރި އުފެއްދުންތެރިކަން ހަމައެކަނި ޒަމާނީ މަސައްކަތްތަކަކަށް ބަދަލުވާންވީކީ ނޫންކަމަށާއި، އުފެއްދުންތެރިކަން އިތުރުކުރުމަށް ކުރާ މަސައްކަތްތަކަކީ ތިމާވެއްޓާއި ރައްޓެހި ގޮތަކަށް ކުރެވޭ މަސައްކަތްތަކަކަށް ވާންޖެހޭނެ ކަމަށްވެސް ފާހަގަކުރައްވާފައިވެއެވެ. "ރައިޓް ޓު ފުޑް" ގައިޑްލައިންގައިވާ ކަންކަން އެންމެ ފުރިހަމަޔަށް ޙާޞިލްކުރުމުގައި ރާއްޖެއަށް ކުރިމަތިވާ ގޮންޖެހުންތަކުގެ ގޮތުގައި މިނިސްޓަރ ފާހަގަކުރައްވާފައިވާ މައިގަނޑު ކަންކަމުގެ ތެރޭގައި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދަނޑުވެރިކަމަށް ކުރާ ނޭދެވޭ އަސަރުތަކާއި، ދަނޑުވެރިކަމުގެ މަސައްކަތްތައް ފުޅާކުރުމަށް އެކަށީގެންވާ މިންވަރަށް ބިން ލިބުން ދަތިވުމާއި ދުނިޔޭގައި ހިނގާ ހަނގުރާމަތަކާއި ބަލިމަޑުކަންފަދަ ކަންކަމުން ދުނިޔެއަށް އަންނަ ކުއްލި ބަދަލުތައް ހިމެނެއެވެ.

ޤައުމުގެ އުފެއްދުންތެރިކަން އިތުރުކުރުމުގައި އާބަން ގާޑްނިން، ސްކޫލް ގާޑެނިން އަދި ކޮމިޔުނިޓީ ގާޑެނިންފަދަ ދަނޑުވެރިކަމުގެ އީޖާދީ ގޮތްތައް ތަޢާރަފްކޮށް އެކަންކަމަށް އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމާއި ދަނޑުވެރިކަމުގައި ބޭނުންކުރާ ހަކަތައަކީ އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމާއި ދަނޑުވެރިކަމުގެ އުފެއްދުންތަކަށް އަގު އެއްކުރުމުގަޔާއި ދަނޑުވެރިކަމުގެ އުފެއްދުންތައް މާކެޓްކުރުމަށް ހިނގާ ހޭދަ ކުޑަކުރުމަށް ޤައުމީ ފެންވަރުގައި ކުރާ ހޭދަ އިތުރުކުރަންޖެހޭކަންވެސް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

ކާނާގެ ޔަޤީންކަން ކަށަވަރު ކުރުމަކީ ހުރިހާ ޤައުމަކުންވެސް ޙާޞީލްކުރަން ބޭނުންވާ މުހިންމު ލަނޑު ދަނޑުދަނޑިއެއްކަމަށާއި، އެންމެ ކާމިޔާބުކަމާއެކު މިލަނޑުދަނޑި ޙާޞިލްކުރެވޭނީ ވަކިވަކި ޤައުމުތަކުން ކުރާ މަސައްކަތްތަކަކީ ގުޅިގެން ކުރާ މަސައްކަތްތަކެއްގެ ގޮތުގައި ހެދިގެން ކަމަށް މިނިސްޓަރ ފާހަގަކުރެއްވި. މިނިސްޓަރގެ ވާހަކަފުޅު ނިންމަވާލެއްވީ ރާއްޖެފަދަ ކުދި ޤައުމުތަކުން ކާނާގެ ޔަޤީންކަން ކަށަވަރު ކުރުމަށް ކުރާ މަސައްކަތްތަކުގައި ބައިނަލްޢަޤްވާމީ މުޖުތަމަޢުގެ ފުރިހަމަ އެހީތެރިކަން ބޭނުންވާ ކަމަށާއި، މައުލޫމާތު ބަދަލުކުރުމާއި ބޭނުންވާ މާލީ އަދި ފަންނީ އެހީތެރިކަމާއި ވަޞީލަތްތަކާއި ދަނޑުވެރިކަމުގެ އީޖާދީ ގޮތްތައް އެދެވޭ ގޮތެއްގައި ޙިއްޞާކޮށްދެވޭނަމަ ކާނާގެ ޔަޤީންކަން ކަށަވަރު ކުރުމަށް މިހާރު ދިމާވަފައިވާ ގޮންޖެހުންތައް ނައްތާލުމަކީ އުނދަގޫކަމަކަށް ނުވާނެކަމަށް ވިދާޅުވަމުންނެވެ.