ތ. ވޭމަންޑޫ ރައްޔިތުންނަށް ކަރަންޓު ފޯރުކޮށްދިނުމަށް ބޭނުންވާ އިންޖީން މިރޭ އެރަށަށް ފުރުވާލުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ވިދާޅުވެއްޖެއެވެ.

އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަޙުމަދު ސަޢީދު މުޙައްމަދު ވިދާޅުވީ އެރަށަށް އައު އިންޖީން ފޮނުވުމުގެ މަސައްކަތް މިހާރުވެސް ކުރައްވަމުން ގެންދަވާ ކަމަށެވެ. "އިންޖީން ގެންދިއުމަށް މަސައްކަތް ފެށިގެން ކުރިއަށް ދަނީ. އިރާދަ ކުރެއްވިއްޔާ މިރޭ ފުރުވާލެވޭތޯ މިބަލަނީ،" ސަޢީދު ވިދާޅުވިއެވެ.

އެރަށަށް އިންޖީން މިފޮނުވަނީ މިއަދު ހިނގި އަލިފާނުގެ ހާދިސާއެއްގައި އިންޖީނުގޭގައިހުރި އިންޖީންތައް ބޭނުން ނުކުރެވޭ ވަރަށް އަނދައި އެރަށުން ކަރަންޓު ކަނޑައިގެން ދިއުމުންނެވެ.

މިހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ކަށަވަރުވެފައެއް ނުވެއެވެ. މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއްނުވެއެވެ. ފެނަކަ ކޯޕަރޭޝަނުން ވިދާޅުވީ މިއީ ކުއްލިއަކަށް ހިނގި ހާދިސާއެއް ކަމަށެވެ.