60އަހަރުން މަތީ މީހުންނަށް މާޗް 1ން ފެށިގެން އިންޑިއާއިން ވެކްސިން ދޭން ނިންމައިފިއެވެ. އިންޑިއާއިން 1.3 ބިލިއަން މީހުންނަށް ވެކްސިން ދިނުމުގެ ޕްރޮގްރާމު ފަށައިގެން އުޅެނީ މިދިޔަ މަހުން ފެށިގެންނެވެ. އިންޑިއާގެ އަމާޒަކީ 300 މިލިއަން މީހުންނަށް ޖުލައި މަސް ނިމުމުގެ ކުރިން ވެކްސިން ދިނުމަށެވެ.

ފުރަތަމައަށް ވެކްސިން ދޭން ފެށީ ސިއްޙީ ދާއިރގައި މަސައްކަތް ކުރާ މީހުންނަށާއި އިސް ސަފުގައި މަސައްކަތް ކުރާ މީހުންނަށެވެ.

އިންޑިއާގެ ވެކްސިން ދިނުމުގެ ޕްރޮގްރާމަށް ހިހަ ހާސް ހަސްފަތާލަކާއި 20 ހާސް ޕްރައިވެޓް ކްލިނިކެއް ކަނޑައަޅާފައި ވެއެވެ.

މިފެށޭ ހަފްތާގައި އުމުރުން ފަސްދޮޅަސް އަހަރުގެ މީހުންނާއި އަދި ތަފާތު ބޮޑެތިބަލިތަކަށް ފަރުވާހޯދާ އުމުރުން 45 އަހަރުގެ މީހުންނަށް ފީއެއް ދައްކައިގެން ވެކްސިން ލިބޭ ގޮތަށް ހަމަޖެހިފައި ވެއެވެ. އެގޮތުން ފީއަކަށް ވެކްސިން ލިބޭނީ ޕްރައިވެޓް ކްލިނިކްތަކުން ވެކްސިން ހޯދާ މީހުންނަށެވެ. ސަރުކާރު ހަސްފަތާލުތަކުން ވެކްސިން ލިބޭނީ ހިލޭ އެވެ.

އިންޑިއާގެ ވެކްސިން ޕްރޮގްރާމަކީ ދުނިޔޭގައި މިހާފުޅާދާއިރާއެއްގައި ހިންގާ އެންމެ ބޮޑު ވެކްސިން ޕްރޮގްރާމެވެ.

މިހާތަނަށް 12.2 މިލިއަން މީހުންނަށް އިންޑިއާގައި ވެކްސިން ދީފައި ވެއެވެ.