އިޓަލީގެ ވެރިރަށް ރޯމްގައި މިހާރު ކުރިއަށްދާ "ކޮމިޓީ އޮން ވޯލްޑް ފުޑް ސެކިޔުރިޓީ" ބައްދަލުވުމުގެ ރިޕޯޓުގައި ހިމަނާ މުހިންމު ކަންކަމާއި ގުޅޭގޮތުން އެކި ޤައުމުތަކުން އެޤައުމުތަކުން ދެކޭ ގޮތް ހާމަކުރުމަށް ލިބުނު ފުރުސަތުގައި، ފެނާއި ކާނާ ހަތިޔާރުގެ ގޮތުގައި ބޭނުން ކުރުން ހުއްޓާލުމަށް ރާއްޖޭގެ ދަނޑުވެރިކަމާ ދިރޭ ތަކެއްޗާ ބެހޭ ވަޒީރު ޑރ. އައިޝަތު ރަމީލާ ދުނިޔޭގެ ގައުމުތަކަށް ގޮވާލައްވައިފިއެވެ.

މިރިޕޯޓުގައި ހިމެނުމަށް ހުށަހެޅި ނުކުތާތަކުގެ ތެރެއިން، ޤައުމުތަކުގެ މެދުގައި ދިގުކޮށް ބަހުސް ކުރެވިގެން ދިޔަ އެއް ނުކުތާއަކަށް ވެގެންދިޔައީ ދުނިޔޭގައި ހަމަނުޖެހުންތަކާއި ހަނގުރާމަތައް ހިންގަމުންދާ ސަރަޙައްދުތަކުގައި ފެނާ ކާބޯތަކެއްޗަކީ ހަނގުރާމައިގެ ހަތިޔާރުގެ ގޮތުގައި ބޭނުންކުރުން ހުއްޓާލުމަށާއި، ޚާއްސަގޮތެއްގައި ފަލަސްތީނާއި ގާޒާގެ ރައްޔިތުންނަށް ބޭނުންވާ ކާނާއާއި، ފެނާއި، ބޭސްފަރުވާފަދަ އަސާސީ ޚިދްމަތްތައް ދާއިމީގޮތެއްގައި ފޯރުކޮށްދިނުމަށް އދގެ ކާނާއާއި ދަނޑުވެރިކަމާބެހޭ ޖަމްޢިއްޔާ (އެފްއޯއޭ) އާއި ކަމާގުޅުންހުރި އެހެނިހެން ބައިނަލްޢަޤްވާމީ އިދާރާތަކުން މަސައްކަތް ކުރުމަށް ގޮވާލާ ކުވައިތުން ހުށައެޅި ނުކުތާއެވެ.

ކުވައިތުގެ މިހުށަހެޅުމަށް ތާޢީދުކުރައްވައި މިނިސްޓަރ ޑރ. އައިޝަތު ރަމީލާ ވަނީ މިކޮމިޓީގައި ވާހަކަފުޅު ދައްކަވާފައެވެ. ފެނާއި ކާބޯތަކެއްޗަކީ އަސާސީ ޙައްޤެއް ކަމަށާއި، ހަނގުރާމައިގެ މަޤްޞަދުތައް ޙާޞިލުކުރުމަށް ވިޔަސް ނުވަތަ އެހެން މަޤްޞަދެއް ޙާޞިލްކުރަންވެސް އިންސާނަކަށް ފެނާއި ކާބޯތަކެތި ލިބެންހުރި މަގުތަކަށް ހުރަސް އެޅުމަކީ ޤަބޫލުކުރެވޭނެ ކަމެއް ނޫންކަމަށާއި، ކުވައިތުގެ ހުށަހެޅުން މިކޮމިޓީން ފާސްކުރާ ރިޕޯޓުގައި ހިމެނުމަށް ދިވެހިރާއްޖެއިން ފުރިހަމައަށް ތާއީދު ކުރާކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

މިކޮމިޓީގައި ހިމެނޭ ގިނަ ޤައުމުތަކުން ވަނީ ކުވައިތުގެ ހުށަހެޅުމަށް ތާއީދުކޮށްފައެވެ. މިހުށަހެޅުމަށް ސީދާގޮތުން އެއްވެސް ޤައުމަކުން ދެކޮޅު ހަދާފައިނުވުމާއެކު، ކޮމިޓީގެ ޗެއަރ ޕާސަން ވަނީ މިހުށަހެޅުން ކޮމިޓީގެ ރިޕޯޓުގައި ހިމެނުމަށް ނިންމަވާފައެވެ.

ކޮމިޓީ އޮން ވޯލްޑް ފުޑް ސެކިޔުރިޓީގެ 52 ވަނަ ބައްދަލުވުމުގެ މައިގަނޑު އެއް މަޤްޞަދަކީ ދުނިޔޭގެ ކާނާގެ ޔަޤީންކަން ކަށަވަރު ކުރުމަށްޓަކައި ސަސްޓެއިނަބްލް، އިންކްލޫސިވް، ރެސިލިއެންޓް ފުޑް ސިސްޓަމްއެއް އުފެއްދުމަށް ބައިނަލްޢަޤްވާމީ މުޖުތަމަޢުން ކުރެވެން ހުރި ކަންކަން ދެނެގަތުމެވެ.

ޚަބަރު: ދަނޑުވެރިކަމާ ބެހޭ ވުޒާރާ