ތ. އަތޮޅު ވޭމަންޑޫ އިންޖީނުގޭގައި މިއަދު ހިނގި އަލިފާނުގެ ހާދިސާގައި އެ އިންޖީނުގޭގައި ބޭނުންކުރާ ތިން އިންޖީނުވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފައެވެ. އެހެންކަމުން އެރަށުގެ ރައްޔިތުން މިހާރުތިބީ ކަރަންޓުން މަހުރޫމުވެފައެވެ.

ފެނަކަކޯޕަރޭޝަންގެ މެނޭޖިންޑިރެކްޓަރ އަޙުމަދު ސަޢީދު މުޙައްމަދު އެރަށުގައި ހުންނަވައިގެން މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ އެ ޙާދިސާ ހިނގި ވަގުތުން ފެށިގެން ރާއްޖޭގެ ރައީސުލްޖުމްހުރިއްޔާ ގެންދަވަނީ އެކަން ވަރަށް ގާތުން ބައްލަވަމުން ކަމަށެވެ.

"މިޙާދިސާ ހިނގި ވަގުތުން ފެއްޓިގެން ދިވެހިރާއްޖޭގެ ލޮބުވެތި ރައީސުލްޖުމްހޫރިއްޔާ ވަރަށް ގާތުން މިހާދިސާ ބައްލަވައި މިކަމަށް އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް ވަގުތުންވަގުތަށް އެޅުމަށްޓަކައި ދެއްވަންޖެހޭ ފުރިހަމަ އިރުޝާދު އަޅުގަނޑުމެންނަށްދަނީ ލިބެމުން،" ސަޢީދު ވިދާޅުވިއެވެ.

އޭގެ އިތުރުން "ރައްޔިތުންނަށް މިވަގުތު ދިމާވެފައިމިވާ މާޔޫސްކަމުން އަރައިގަތުމަށްޓަކައި އަޅުގަނޑުމެންނަށް ކުރެވުނު ހުރިހާ މަސައްކަތެއް ވަރަށްގާތުން ކޮށްދިނުމަށް ރައީސުލްޖުމްހުރިއްޔާ އެދިވަޑައިގަންނަވާ،" ކަމަށެވެ. ސަޢީދު ވިދާޅުވީ މިވަގުތު އޭނާ ވޭމަންޑޫ ރައްޔިތުންގެ ކިބައިން އެދިވަޑައިގަންނަވަނީ ކެތްތެރިކަމާއެކު ތިއްބަވައިގެން މިކަމުގައި އެއްބާރު ލެއްވުން ދެއްވުމަށް ކަމަށެވެ. "އިރާދަކުރެއްވިއްޔާ މިކަމުން އަރައިގަތުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތް އެއްވެސްކަލަ ފޫހިކަމެއް ބުރަކަމެއްނެތިވެ ހަރުދަނާކޮށް މިކަންކުރުމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތް އަޅުގަނޑުމެން ކުރަމުންދާނެ ކަމުގެ ޔަގީންކަން ލޮބުވެތި ރައްޔިތުންނަށް އަރުވަން،" ސަޢީދު ވިދާޅުވިއެވެ.

މި ހާދިސާ ހިނގާފައިވަނީ މިއަދު 2:30 އެހައިކަންހާއިރު އެވެ. މިޙާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުލިބެއެވެ. ޙާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދިވެސް އެނގިފައެއް ނުވެއެވެ.

ސަޢީދުގެ އިތުރުން ތިމާވެއްޓާ ބެހޭ ވަޒީރު ވެސް މިވަގުތު ހުންނެވީ ވޭމަންޑޫގައެވެ.