މޯލްޑިވްސް ޓޫރިޒަމް އެވޯޑްސްއަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިކަމަށް ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

އެ ވުޒާރާއިން މައުލޫމާތުދޭ ގޮތުގައި ނަން ހުށަހެޅުމުގެ ސުންގަޑިއަކީ ނޮވެމްބަރ 14 އެވެ.

ރިސޯޓުތަކާއި، ހޮޓާތަކާއި، ގެސްޓްހައުސްތަކާއި، ސަފާރީތަކާއި އަދި ޓްރެވަލް އެޖެންސީތައް ފާހަގަކުރާ މޯލްޑިވްސް ޓޫރިޒަމް އެވޯޑްސްގައި 5 ކެޓަގަރީއެއްގެ ދަށުން 23 އެވޯޑެއް ދޭނެއެވެ. އެޕްލިކޭޝަންތައް ހުށަހަޅަންވާނީ އޮންލައިންކޮށެވެ. އަދި އިވެލުއޭޓްކުރާނީ 1 ޖޫން 2023 އިން 31 މޭ 2024 އާ ދެމެދު ކުރެވުނު ހަރަކާތްތަކުގެ މައްޗަށް ބިނާކޮށެވެ.

ފާއިތުވި އަހަރު 59 އެވޯޑެއް ހުށަހެޅުނެވެ. އަދި 88 ބައިވެރިންގެ ފަރާތުން 225 އެޕްލިކޭޝަން ލިބުނެވެ. އޭގެ ތެރެއިން 31 ފަރާތަކަށް އެވޯޑެއް ދެވުނެވެ. މޯލްޑިވްސް ޓޫރިޒަމް އެވޯޑްސްގެ މަޤްޞަދަކީ ފަތުރުވެރިކަމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ޚިދުމަތްތަކެއް ފޯރުކޮށްދޭ ފަރުދުންނާއި ކުންފުނިތައް ފާހަގަކުރުމެވެ.