ފަލަސްޠީނުގެ ނަސްލު ސާފުކޮށްލަމުން ގަތުލުއާންމު ހިންގަމުން ގެންދާ ޔަހޫދީ ޒަޔަނިސްޓު މުޖުރިމުން ހައްޔަރު ކުރުމަށް އަމުރު ދިނުމާ މެދު އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓުގެ ފަނޑިޔާރުން ބިރުން، ފަހަތު ފަޔަށް ބަރުވާން ފަށައިފިއެވެ.

އިޒްރޭލުން ބްލެކްމެއިލް ކުރަން މަސައްކަތް ކުރަމުންދާ ޕްރޮސެކިއުޓަރ ކަރީމް ޚާން ވަނީ 6 މީހަކު ހައްޔަރު ކުރުމުގެ އަމުރަށް އެދިފައެވެ. އެއިން 3 މީހަކު ޝަހީދުވެފައިވާ ކަމަށް ބެލެވެއެވެ.

ލިސްޓުގައި ހިމެނޭ ޔަހޫދީން ހައްޔަރުކުރުމަށް އަމުރު ދިނުމަށް އެދުމުން އެކަން ދިގު ދަންމައި އައިސިސީގެ ފަނޑިޔާރުން ދަނީ ލަސްވާނެ ހުރިހައި ގޮތަކަށް އަމަލު ކުރައްވަމުންނެވެ. ކަށަވަރު ނޫން ރިޕޯޓުތައް ބުނާ ގޮތުން ޔަހޫދީ ޒަޔަނިސްޓުން ގެންދަނީ ފަނޑިޔާރުން ބްލެކްމެއިލް ކުރުމަށް މަސައްކަތް ކޮށް އެމީހުންނަށް ފިއްތަމުންނެވެ.

އަމުރު ނެރުމުގެ މަސައްކަތް ހަވާލުވެފައިވާ 3 ފަނޑިޔާރުންގެ ބެންޗުގައި އިސްކޮށް އިންނަވާ ފަނޑިޔާރު ވަނީ ސިއްހީ ހާލުކޮޅު އުޒުރަކަށް ދައްކައި ބެންޗުން ތަނާޒުލުވެވަޑައިގެންފައެވެ.

ރޮމޭނިއާގެ ލޫލިއާ މޯޓޮކް ފަނޑިޔާރު ތަނާޒުލުވެ ވަޑައިގަތުމުން މިހާރު އޭނާގެ ބަދަލުގައި އައްޔަން ކޮށްފައި ވަނީ ސްލޮވޭނިއާގެ ބެޓީ ހޯލާއެވެ. އޭނާއަކީ އައިސީސީގައި ކުރިން ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވާ ފަނޑިޔާކަށް ވެވަޑައިގަތް ބޭފުޅެކެވެ. ލަފާ ކުރެވޭ ގޮތުގައި ފަލަސްޠީނުގެ އެކަކުވެސް ދިރިހުއްޓައި ޒަޔަނިސްޓުން ހައްޔަރު ކުރުމުގެ އަމުރެއް ލިބުމަކީ މުސްތަހީލު ކަމެއް ކަމުގައި ބެލެވެއެވެ.