ބާސެލޯނާގެ ކުޅުންތެރިންނަށް ސަޕޯޓަރުން ނަސްލީ މަލާމާތުގެ ބަސްތައް ރައްދުކުރި ކަމުގެ މައްސަލައި ލަލީގާއިން ސްޕެއިންގެ ފުލުހަށް ހުށައަޅައިފިއެވެ.
ބާސާގެ ކުޅުންތެރިންނަށް ކުރިމަތިވި ނަސްލީ މަލާމާތަކީ ރޭގައި ކުޅުނު ފޯރިގަދަ މެޗުގައޮ ރެއާލް މެޑްރިޑުގެ ސަންޓިއާގޯ ބާނަބާއޯ ސްޓޭޑިއަމްގައި ތިބި ސަޕޯޓަރުންގެ ފަރާތުން ކުރިމަތިވި މަލާމާތެވެ.
4-0 ގެ ލަދުވެތި ނަތީޖާއިން އަމިއްލަ ދަނޑުގައި ރެއާލުން ބަލިވި މެޗުގައި ބާސާގެ ޒުވާން ތަރި ލަމީން ޔަމާލް ލަނޑު ޖެހުމާއެކު ރެއާލިގެ ސަޕޯޓަރުން ވަނީ އޭނާއަށް ނަސްލީ މަލާމާތުގެ ގޮތުން އެތައް ހަޑިހުތުރު އަމަލެއް ކޮށްފައެވެ.
މި މައްސަލައާ ގުޅިގެން ލަލީގާއިން ނެރުމު ބަޔާނުގައި އެ ލީގުން ބުނީ މި މައްސަލަ ވަރަށް ސީރިއަސް ގޮތެއްގައި ތަހުގީގު ކުރެވިގެންދާނެ ކަމަށެވެ. އަދި މިހާރު ވެސް އެ މައްސަލަ ވަނީ ސްޕެނިޝް ޕޮލިހަށާއި ޕްރޮސެކިއުޓަރުންނަށް ހުށައެޅިފައި ކަމަށެވެ.
ސްޕެނިޝް ލަލީގާއަކީ ފުޓުބޯޅައިގެން މަތީ ފެންވަރުގެ ލީގު ތަކުގެ ތެރެއިން ނަސްލީ މަލާމާތުގެ މައްސަލަތައް އެންމެ ގިނަ ލީގެވެ. ލަލީގާއިން އެކަމާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތައް އަޅަން ފެށި ކަމުގައިވިއަސް މި މައްސަލައަށް ދާއިމީ ހައްލެއް ގެނެވޭ ގޮތް ވަނީ ނުވެފައެވެ.