އެޗްޕީއޭގެ ގައިޑްލައިންތަކާއި ޚިލާފަށް އިދިކޮޅު ކޯލިޝަނުން މާލޭގައި ކުރަމުންދާ މުޒާހަރާތަކާއިމެދު ހިއުމަންރައިޓް ކޮމިޝަނުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އިދިކޮޅު މުޒާހަރާތަކާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށް އެޗްއާރުސީއެމްއިން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ޞުލްޙަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމަކީ ދިވެހި ރާއްޖޭގެ ޤާނޫނުއަސާސީގެ 32 ވަނަ މާއްދާއިން ކޮންމެ މީހަކަށްވެސް ލިބިގެންވާ ޙައްޤެއްކަމަށެވެ. ނަމަވެސް މި ޙާލަތާ ގުޅިގެން ޢާއްމުން ރައްކާތެރިކޮށް، ކޯވިޑްގެ ބަލިމަޑުކަމުން ރައްކާތެރިވުމަށް އަޅަންޖެހުނު ފިޔަވަޅުތަކާއެކު ޢާއްމު ދިރިއުޅުމަށް ގެންނަންޖެހޭ ބަދަލުތަކާ ގުޅިގެން އެއްވެ އުޅުމުގެ މިނިވަންކަމުގެ ބޭނުން ކުރަމުން އައިގޮތްވެސް ވަނީ ބަދަލުކުރަން ޖެހިފައިކަމަށެވެ.
"މިފަދަ ދަނޑިވަޅެއްގައިވެސް ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ދިމިޤްރާތީ މުޖުތަމަޢެއްގައި ކޮންމެ ފަރުދަކަށްވެސް ލިބެންޖެހޭ ޙައްޤެއްކަން މި ކޮމިޝަނުން ޤަބޫލުކުރަން. އަދި މިއީ ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކާއި ތަންފީޛު އިދާރާތަކުންވެސް އިޙްތިރާމްކުރަންޖެހޭނެ ޙައްޤެއްކަންވެސް ކޮމިޝަނުންދެކެން. ނަމަވެސް، ޢާއްމު ޞިއްޙަތުގެ ނުރައްކަލުގައި މުޅި ދުނިޔެ އޮތް މި ދަނޑިވަޅުގައި ރާއްޖެއިންވެސް ކޯވިޑް-19 ޖެހިގެން އެތައް ބައެއްގެ ފުރާނަ ގެއްލިފައިވާއިރު މިޙާލަތުގައި، ރާއްޖޭގެ ހެލްތް ޕްރޮޓެކްޝަން އެޖެންސީއާއި ޑަބްލިއު.އެޗް.އޯގެ މިންގަނޑުތަކާ ޚިލާފަށް، އެއްވެއުޅުމާއި މުޒާހަރާކުރުމަކީ މި ކޮމިޝަނުން އިންތިހާއަށް ކަންބޮޑުވާކަމެއް." އެޗްއާރުސީއެމްގެ ބަޔާނުގައި ވެއެވެ.
އެކޮމިޝަނުން ބުނެފައިވަނީ މިހާރު މާލޭގައި ޕީޕީއެމް އަދި ޕީއެންސީން ސިލްސިލާކޮށް ކުރަމުންގެންދާ މުޒާހަރާތައް ކޮމިޝަނުގެ ޓީމުތަކުން މޮނިޓަރކޮށް ބެލިއިރު މުޒާހަރާގެ ބައެއް ބައިވެރިންގެ ފަރާތުން އެޗް.ޕީ.އޭގެ ގައިޑްލައިންތަކާ ޚިލާފަށް ޢަމަލުތައް ބަހައްޓަމުން ގެންދިޔަކަން ފާހަގަކުރެވިފައި ވާކަމަށެވެ. މިކަމުގެ ސަބަބުން ކޯވިޑް-19 ފެތުރުމުގެ ފުރުޞަތު އިތުރުވެ، ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިތުރަށް ގޯސްވެދާނެކަމަށް ކޮމިޝަނަށް ޤަބޫލުކުރެވޭތީ، އެއްވެ އުޅުމާ ޚިޔާލުފާޅުކުރުމުގެ ޙައްޤު ބޭނުންކުރުމުގައި، ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނުގެ 24 ވަނަ މާއްދާގެ (ށ)ގައި ބަޔާންކޮށްފައިވާ ހަމަތަކުގެ މަތިން، ހެލްތް ޕްރޮޓެކްޝަން އޭޖެންސީއާއި، ޑަބްލިޔު.އެޗް.އޯގެ މިންގަނޑުތަކަށް ތަބާވެ، ގައިޑްލައިންތަކާ އެއްގޮތަށް މިފަދަ ޙަރަކާތްތައް ކުރިއަށް ގެންދިޔުމަށް އެޗްއާރުސީއެމްއިން ވަނީ ނަސޭހަތްތެރި ވެފައެވެ.
މީގެ އިތުރުން މޯލްޑިވްސް ޕޮލިސް ސާވިސްއިން މުޒާހަރާގެ ކަންކަން ބަލަހައްޓަވަމުން ގެންދަވާއިރު މުޒާހަރާ ރޫޅާލުމުގެ ކަންކަން ކުރިއަށްގެންވާ އިރުވެސް ގަވާއިދުތަކާ އުސޫލުތަކާ އެއްގޮތްވާގޮތުގެމަތިން ބާރުގެ ބޭނުން މުޒާހަރާ މޮނިޓަރ ކުރައްވާ މީޑިއާގެ ފަރާތްތަކަށް ރައްކާތެރިކަންވެސް ކަށަވަރުކޮށްދެއްވުމަށް ކޮމިޝަނުން ވަނީ އިލްތިމާސް ކޮށްފައެވެ.