އާސަންދައިގެ ދަށުން އާންމުކޮށް ދޫކުރާ 250 ބޭހުގެ އަގަށް ބަދަލު ގެންނަން ނިންމައިފި އެވެ.

ނެޝެނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ( އެންސްޕާ) އިން މިރޭ ނެރުނު ބަޔާނުގައި ބުނީ އާސަންދައަކީ ފެންވަރު ރަނގަޅު ހިދުމަތްތަކެއް ދެވޭ އަދި ދެމެހެއްޓެނިވި ތަނަކަށް ހެދުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

އެންސްޕާގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ އަދި މި ބަދަލު ގެންނާނީ ފިޔަވަހިތަކަކަށް ބަހާލައިގެން ކަމަށާއި، އެގޮތުން އަންނަ ނޮވެންބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން 87 ބޭހެއްގެ އަގަށް ބަދަލުގެންނާނެ ކަމަށާއި އަންނަ މަހު 24 އިން ފެށިގެން އިތުރު 126 ބޭހެއްގެ އަގު ބަދަލުކުރާނެ ކަމަށެވެ.

އަދި މީގެކުރިން އަގުބޮޑުކޮށް ވިއްކަމުން ދިޔަ ބޭސްތަކުގެ އަގު ހެޔޮކުރެވި ބޭހަށް ކުރަމުން ދިޔަ ހަރަދުގެ ތެރެއިން 200 މިލިއަން ސަލާމަތްކުރެވޭނެ ކަމަށާއި އެ ބަދަލާ ގުޅިގެން އާސަންދަ ސްކީމް މެދުވެރިކޮށް ބޭސް ލިބުމުގެ އިންތިޒާމަަށް އެއްވެސް ބަދަލެއް ނުގެނެސް ބޭސް ލިސްޓުގައި ހިމެނޭ ބޭސްތަކުގެ ކޮންމެވެސް އެއް ބްރޭންޑެއް އެސްޓީއޯގެ ފާމަސީތައް މެދުވެރިކޮށް ލިބެން ހުންނާނެ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

އެ ބަޔާނުގައި އާސަންދަ ސްކީމްގައި ރަޖިސްޓްރީކޮށްފައިވާ އަމިއްލަ ފާމަސީތަކުގެ ތެރެއިން މި ބޭސްތައް ވިއްކުމަށް ރަޖިސްޓްރީކޮށްފައިވާ ފާމަސީތައް މެދުވެރިކޮށްވެސް އިތުރު އަގަކާ ނުލާ މި ބޭސް ލިބޭނެ އިންތިޒާމް ވަނީ ހަމަޖެހިފައިވާ ކަމަށްވެސް ބުންޏެވެ.

ބޭހުގެ އަގު ކޮންޓްރޯލް ކުރުމަކީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ބެއްލެވުމުގެ ދަށުން އެންސްޕާ އިން ކުރަމުން އަންނަ ކަމެކެވެ.