އިޒްރޭލުގެ 9 މިލިއަން އާބާދީގައި ހުނަރުވެރިން ޤައުމު ދޫކޮށް ހިޖުރަ ކުރުން މައްސަލައަކަށް ވެއްޖެއެވެ. އިޒްރޭލަކީ އާދަޔާ ޚިލާފަށް ގިނައިން ބޭސްފަރުވާ ބޭނުންވާ މުޖުތަމައެއް ކަމުން އިޒްރޭލަށް އެންމެ ބޮޑު ނުރައްކަލަކަށް ވެފައި ވަނީ ޑޮކްޓަރުން ޤައުމު ދޫކޮށް ދިއުމުގެ މައްސަލައެވެ.

ޓެލްއަވީވް ޔުނިވަސިޓީގެ އިކޮނޮމިސްޓް ޕްރޮފެސަރ ޑެވް ބެން ޑޭވިޑް ބުނާގޮތުން 9 މިލިއަން އާބާދީގެ 0.6 ޕަސެންޓަކީ ބޭސްފަރުވާ ދިނުމުގެ ދާއިރާގެ ހުނަރުވެރިންނެވެ. މިއީ ގިނަ ވަގުތު މަސައްކަތުގައި އުޅެން ޖެހޭތީއާއި، މުސާރަ ކުޑަ ވުމުން ޝަކުރާ ކުރާ ދާއިރާއެކެވެ. ޔޫރަޕްއާ އަޅާބަލާއިރު ޑޮކްޓަރުން ބުނެފައި ވަނީ މުސާރަ މާބޮޑަށްވެސް ކުޑަ ކަމަށާއި އުޅެން ޖެހޭ ޝިފްޓްތައް ދިގު ކަމަށެވެ. އެހެންވެ، ޑޮކްޓަރުންނަކީ އެންމެ ގިނައިން ބޭރުވެގެން ދާ އެއް ބަޔެވެ.

ބެން ޑޭވިޑް ބުނިގޮތުގައި އިޒްރޭލަށް ދިމާވާ އަނެއް ގޮން ޖެހުމަކީ އިގްތިސާދު ބައްޓަން ވެފައި އޮންނަ ގޮތުން، ހައި ޓެކްގެ ސިނާއަތުން ލިބޭ އާމްދަނީއަށް ބަރޯސާވުމެވެ. އިޒްރޭލުގެ އާމްދަނީގެ ދެބައިކުޅަ އެއްބައި ލިބެނީ ހައިޓެކްގެ ސިނާއަތުންނެވެ. ނަމަވެސް ހައިޓެކް ސިނާއަތުގައި ވަޒީފާ އަދާކުރަނީ ޔަހޫދީންގެ ތެރޭން 6 ޕަސެންޓް މީހުންނެވެ. އެހެންވެ ޕްރޮފެޝަނަލުން ނިސްބަތުން މަދުއިރު މީހުން ބޭރުވާން ދިމާކުރުމުން ގައުމީ އުފެއްދުމަށްވެސް ނޭދެވޭ އަސަރު ކުރާ ކަމަށް އޭނާ ބުނެއެވެ.

އޭނާ ކިޔައިދިން ގޮތުގައި، އިޒްރޭލުން މީހުން ހިޖުރަކުރަމުންދާ ގޮތާބެހޭ ގޮތުން ހެދި ދިރާސާއަކުން އެނގުނީ ޤައުމަށް އައިސް ވަޒަންވެރިވާ ކޮންމެ ފަންނުވެރި ޔަހޫދީއަކަށް 2.8 މީހުން ނިސްބަތުން ބޭރުވެގެންދާ ކަމެވެ.

އިޒްރޭލަކީ މަސްނޫޢީ މުޖުތަމައެއްކަމުން، އެ މުޖުތަމައުގައި އެހެން ތަންތަނާ ޚިލާފަށް ދިރިދެމިއޮތުމަށް ބޭނުންވާ ހުރިހައި ގޮތްތަކެއް ހަމައަށް، ހަމަޖެހިފައި ނެތް ކަމަށް މާކުރިންވެސް މުހައްލިލުން ބުނަމުން ދެއެވެ.