ޔަހޫދީންގެ ނުފޫޒު އެމެރިކާގެ ނިޒާމުގެ ތެރެއަށް ފޭދިގެން ދިއުމުގެ ސަބަބުން އެމެރިކާގެ ޑިމޮކްރެޓިކް ނިޒާމަށް ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ ކަން ޚިޔާލު ހޯދުމެއްގައި އެމެރިކާ މީހުން ބުނެފިއެވެ. ނިއުޔޯކް ޓައިމްސްއާއި ސިއެނާ ކޮލެޖުން ކުރިއަށް ގެންދިޔަ ޚިޔާލު ހޯދުމުގައި މީހުން ބުނެފައި ވަނީ އެމެރިކާ ޑިމޮކްރެސީއަކީ އާންމު ރައްޔިތުން ތަމްސީލު ކުރާ ޑިމޮކްރެސީއެއް ނޫން ކަމަށެވެ.
އެމެރިކާގެ މީހުން ދަނީ މީސްމީޑިއާގައިވެސް މި މޭރުމުން ޚިޔާލު ފާޅު ކުރަމުންނެވެ.
ދާދިފަހުން ފްލޮރިޑާއަށް އައި، ގެންލުންދެނިވި ސިލްސިލާ ނަގޫރޯޅިތަކާއި ޠޫފާނުގައިވެސް ރައްޔިތުން ބިކަ ވިއިރު އެމީހުންނަށް އެހީވާން އެމެރިކާ ސަރުކާރުގައި ފައިސާއެއް ނެތެވެ. އެއާ ޚިލާފަށް ނަސްލެއް ނެތިކޮށްލައި ހަނގުރާމައިގެ ޖަރީމާތައް ހިންގުމަށް، ކުލީ ހަނގުރާމައެއް ކުރުމަށް ބިލިއަނުން އިޒްރޭލަށް ހޭދަ ކުރަން އެމެރިކާގައި ފައިސާ ހުންނަ ކަމަށް މީހުން ބުނެއެވެ.
ޓައިމްސްއާއި ސިއެނާ ކޮލެޖުގެ ޚިޔާލު ހޯދުމުގައި 2،516 ވޯޓަރުންގެ ސާމްޕަލެއް ބޭނުންކޮށްފައި ވެއެވެ. އެ ސާވޭން ދައްކާ ގޮތުގައި އެމެރިކާގެ ތިންބައިކުޅަ އެއްބައި މީހުން (76%) ދެކެނީ އެމެރިކާގެ ޑިމޮކްރަސީއަށް ނުރައްކާވެފައިވާ ކަމަށެވެ.
މިއަހަރުގެ އޮކްޓޯބަރު 20 އިން އޮކްޓޯބަރު 23 އަށް ޑޭޓާ އެއްކުރި މި ޚިޔާލު ހޯދުމުންވެސް ދައްކާ ގޮތުގައި އެމެރިކާގެ ޑިމޮކްރަސީއަކީ ރައްޔިތުން ތަމްސީލު ކުރާ ޑިމޮކްރެސީއެއް ނޫންކަމަށް 49 ޕަސެންޓް މީހުން ބުނެއެވެ.
ކަންކަން ނިންމުމާއި ފައިސާއަށް ކޮންގްރެސްގައި ވޯޓުގަތުމުގެ މައްސަލައަކީ ރައްޔިތުން ނުތަވަސްވާ މައްސަލައެއްކަން ސާފުކޮށް އެނގެއެވެ. 58 ޕަސެންޓް މީހުން ބުނެފައި ވަނީ މާލީ ނިޒާމާއި ސިޔާސީ ނިޒާމު އެއްކޮށް އޯވަހޯލް ކުރަން ޖެހޭ ކަމަށެވެ. މި ޚިޔާލު ހޯދުމުގައި ބައިވެރިވި 80 އިންސއްތަ މީހުން ބުނެފައި ވަނީ އިންތިޚާބުގެ ނަތީޖާ ކޮންމެ ގޮތަކަށް ނިކުތަސް އެމީހުން ނަތީޖާ ބަލައި ގަންނާނެ ކަމަށެވެ.