ސްކޮޓްލެންޑްގެ ލޮކަބީ މަތިން ވައްޓާލި އެމެރިކާގެ ޕޭން އެމެރިކަން މަތިންދާބޯޓުގައި ބޭއްވި ބޮން ހެދިކަމަށް ތުހުމަތު ކުރާ ލީބިޔާގެ އަބޫޢަޖީލާ އަލްމަރީމީގެ ބަލި ހާލަތާ ހެދި އޭނާއަށް ފަރުވާ ދިނުމަށާއި އޭނާ އަނބުރާ ލީބިޔާއަށް ފޮނުވައި ދިނުމަށް އާއިލާއިން އެދެފިއެވެ.

އުމުރުން 75 އަހަރުގެ އަބޫއަޖީލާ އަކީ އެހާދިސާ ހިނގިއިރު ލީބީޔާގެ ބޭރުގެ ކަންކަންކަމާ ބެހޭ ޖާސޫސީ މަސައްކަތުގެ އިސްވެރިއެކެވެ.

1988 ވަނަ އަހަރު ލޮކަބީ މަތިން ވައްޓާލި މަތިންދާބޯޓުގައި 270 މީހުން މަރުވިއެވެ. އެއިން 189 މީހުންނަކީ އެމެރިކާ މީހުންނެވެ.

އެމެރިކާގައި ބަންދުކޮށްފައިޥާ އަބޫއަޖީލާއަށް އަދި ޙުކުމެއް ކޮށްފައެއް ނުވެއެވެ. ލީބިޔާގައި އޭނާގެ ގޭގައި ހުއްޓައި ބަޔަކު މީހުން އޭނާ ވަގަށް ނަގައިގެން ހަވާލު ކުރި ބަޔަކާ ހަވާލު ކުރުމުން ލީބިޔާގެ ވަގުތީ ސަރުކާރުގެ ބޮޑު ވަޒީރު އަބްދުލްހަމީދުއްދީބާ ވަނީ ސިޔާސީ މަންފާއަށް އިޖުރާއާތުން ބޭރުން އޭނާ އެމެރިކާއާ ޙަވާލުކޮށް އެމެރިކާއަށް ފޮނުވާފައި ކަމަށް އއިލާއިން ބުނެއެވެ. ދީބާގެ އޯޑީއޯތަކެއް އާންމު ވެފައިޥާއިރު އޭގައި އޭނާ ބުނެފައި ވަނީ އަބުއަޖީލާއަކީ ޓެރަރިސްޓެއް ކަމަށެވެ.

ލީބިޔާގެ ޕާލަމެންޓުން ވަނީ އޭނާ އަނބުރައި ގެނައުމަށާއި އޭނާއަށް ގާނޫނީ އެހީތެރިކަން ދިނުމަކީ ގައުމީ ބޮޑު މައްސަލައެއް ކަމަށް ބުނެ ގަރާރެއްވެސް ފާސްކޮށްފައެވެ. އަބޫއަޖީލާގެ އާއިލާއިން ބުނަނީ އޭނާއަށް އަދިވެސް އެއްވެސް އެހީތެރިކަމެއް ލީބިޔާ ސަރުކާރުން ދީފައި ނުވާކަމަށެވެ.

ލީބިޔާގެ ލީޑަރު ޤައްޒާފީ ވަނީ ލޮކަބީ ހާދިސާއަށް ބަދަލު ދިނުމުގެ ގޮތުން، އާއިލާތަކަށް 2.7 ބިލިއަން އެމެރިކާ ޑޮލަރު ދެއްވާފައެވެ.

މިހާދިސާގައި ޙުކުމް ކުރެވުނީ އެންމެ މީހަކަށެވެ. އެއީ، އަބްދުލް ބާސިތު އަލްމަޤްރަޙީ އަށެވެ. އޭނާގެ މައްޗަށް 27 އަހަރުގެ ޙުކުމެއް އިއްވިއެވެ. ނަމަވެސް ސިއްޙީ ސަބަބުތަކާ ހެދި އޭނާ ލީބިޔާއަށް ފޮނުވާލުމުން، އުމުރުން 60 އަހަރުގައި 2012ގައި އޭނާ ނިޔައުވީ ލީބިޔާގައެވެ.