ޗައިނާގެ ދިދަ މެލޭޝިއާގެ ޕެރަކް ސްޓޭޓްގެ ފެސްޓިވަލެއްގައި ބައިވެރިވި ބަޔަކު ވިހުރުވައިގެން މައްސަލަ ބޮޑުވެއްޖެއެވެ. 170ހާސް މީހުން ދިރިއުޅޭ ޕެރަކްގައި ބާއްވާފައިވާ ފެސްޓިވަލް އިންތިޒާމު ކުރި ގުއާންގް ގޮންގް އެސޯސިއޭޝަނުން ވަނީ މައާފަށް އެދިފައެވެ. އެފަރާތުން ބުނީ ޗައިނާ ވިދަ ވިހުރުވުމަކީ ފެސްޓިވަލްގެ ބައެއް ނޫން ކަމަށެވެ.
އިދިކޮޅު ފަރާތްތަކުން ބުނެފައި ވަނީ މިއީ، ގައުމުގެ އިސްތިގްލާލުގެ މައްސަލައެއް ކަމަށާއި މައްސަލަ ބަލަންވާނެ ކަމަށެވެ. ފުލުހުން ވަނީ ހަމަނުޖެހުން އުފެދުމަށް މަގުފަހިވާ އަމަލުތަކުން ދުރުހެލިވުމަށް އިލްތިމާސްކޮށްފައެވެ.
ސްޓޭޓްގެ ޗީފް މިނިސްޓަރ ސާރާނީ މުހައްމަދު ވިދާޅުވަނީ ބޭރުގައުމެއްގެ ދިދަ ވިހުރުވުމަކީ މައްސަލައެއް ނޫން ކަމަށެވެ. ބޭރުގެ ފެސްޓިވަލްތަކުގައި މެލޭޝިއާ މީހުންވެސް މެލޭޝިއާ ދިދަ ވިހުރުވާ ކަމަށެވެ.
ނަމަވެސް އެހެން ބައެއް ފަރާތްތަކުން ވަނީ ޗައިނާ ދަރިކޮޅުގެ މީހުންގެ މެލޭޝިއާއަށް އޮންނަ ވަފާތެރިކަމާ މެދު ސުއާލު އުފައްދާފައެވެ. މިއަހަރު ޖަނަވަރީގައި ކުރީގެ ބޮޑު ވަޒީރު މަހާތީރުވެސް ވިދާޅުވެފައި ވަނީ މެލޭޝިއާގެ ޗައިނާއާއި އިންޑިއާ ދަރިކޮޅުގެ މީހުންގެ މެދުގައި އަދިވެސް އެކަށީގެން ވަރަށް މެލޭޝިއާއަށް ލޯބި ނެތް ކަމަށެވެ.