އިސްރާއީލުގެ ނޫސް "ހާރެޓްޒް" ގައި އިސްރާއީލުގެ ދިރާސާވެރިޔާ މާޔާ ރޮސެންފެލްޑް، ޒަޔަނިސްޓް ސަރުކާރަށް ފާޑުކިޔައި ލިޔުމެއް ޝާއިއުކޮށްފިއެވެ. އެ ލިޔުމުގައި އޭނާ ވަނީ "ފަސްތީނުގެ ނަސްލު ނައްތާލުން އިޒްރޭލުން ހުއްދަ ކޮށްފި" ކަމަށް ބުނެފައެވެ. އަދި އިޒްރޭލަށް ނަސްލު ނައްތާލުން ހުއްދަވީ ކިހިނެއް ކޮން އިރަކުތޯ ސުއާލުކޮށްފައެވެ.
"ހަނގުރާމައިގެ ތިރީސް ވަނަ މަސް ފެށުނުއިރު ޣައްޒާގައި މަރުވި މީހުންގެ އަދަދު 41 ހާހަށްވުރެ މަތިވިއެވެ. މިހާތަނަށް އެއްކުރި މައުލޫމާތަށް ބަލާއިރު، މަރުވި މީހުންގެ ތިންބައިކުޅަ އެއްބަޔަކީ ކުޑަކުދިން ކަމަށް ބެލެވުނު ނަމަވެސް، އެމީހުންގެ ސީދާ އަދަދެއް، އޮގަސްޓް 31 ގެ ނިޔަލަށް ޔަގީން ކުރެވިފައެއް ނުވެއެވެ.
ފަލަސްތީނުގެ ނަސްލު ނައްތާލުމަކީ "ކުށްވެރި ކުރެވިގެން ނުވާނެ ކަމެއް" ކަމަށް ބުނެ އިޒްރޭލުން އެކަން ޖަސްޓިފައި ކުރުމަކީ ފަސޭހައިން އާންމުންގެ ވިސްނުމުގެ ތެރެއަށް ފޭދިގެން ދިޔަ ވިސްނުމެކެވެ. އެކަމުގެ ހެކިތަކަކީ 2014 ވަނަ އަހަރުގެ ހޫނު މޫސުމުގައި އޮޕަރޭޝަން ޕްރޮޓެކްޓިވް އެޖްގައި އިޒްރޭލުން ދިން ހަމަލާތަކާ ދެކޮޅަށް މާނަހުރި މުޒާހަރާތަކެއް ދުނިޔެއިން ފެނިގެން ނުދިއުމެވެ. އެއިރު، އިޒްރޭލު ސިފައިން ޣައްޒާގެ 2،202 މީހުން މަރާލިއިރު އޭގެ ތެރޭގައި 526 ކުޑަކުދިން ހިމެނުނެވެ.
އިޒްރޭލުން މިހަމަލާތައް ހުއްޓާލީ ބޭރުގެ ޕްރެޝަރުގެ ސަބަބުން 55 ދުވަސް ފަހުންނެވެ. އޮޕަރޭޝަން ޕްރޮޓެކްޓިވް އެޖް ހުއްޓާލިއިރު، އެއިރު އިޒްރޭލަށް މަޖުބޫރުވީ ހަމާސްއާއެކު ހަނގުރާމަ ހުއްޓާލުމުގެ ފޯމިއުލާއެއް ގަބޫލުކުރާށެވެ. މި ހަމަލާގައި އިޒްރޭލުން ކުރިން ދިން ހަމަލާތަކާ އަޅާބަލާއިރު މީގެ ކުރިން ލިބިފައިނުވާ ވަރުގެ ގެއްލުންތައް ފަލަސްތީނު މީހުންނަށް ދިނެވެ. ނަމަވެސް އެއީ ފުރިހަމަ މާނައެއްގައި މިހާރު ފެންނަ ފަދަ ފަނާކުރަނިވި ހަމަލާތަކެއް ނޫނެވެ.
ޣައްޒާގައި ގިނަ ބަޔަކު މަރާލުމާއި ނެތިކޮށްލުމަކީ، ފަލަސްތީނުގެ ރައް ޔިތުންޖަމާޢީ ވިސްނުމެއްގައި، ގުޅިގެން ސިޔާސީ ހައްލެއް ހޯދުމުގެ ފުރުސަތު ނާކާމިޔާބު ކުރުމަށް އިޒްރޭލުން ހިންގާ ސްޓްރެޓެޖީއެއްގެ ބައެކެވެ.
އިޒްރޭލުން ހިންގާ ހަނގުރާމައިގެ މައިގަނޑު ވަސީލަތަކީ ވައިގެ މަގުން ބޮން އެޅުމެވެ. ހިސާރަ ކޮށް ވަށާލެވިފައިވާ އަދި ދިފާޢީ ގޮތުން އާރެއް ބާރެއް ނެތް އާބާދީތަކަށް މެދުކެނޑުމެއްނެތި ބޮން އެޅުމުން އޭގެ ނަތީޖާއަކީ ނަސްލު ނައްތާލުން ދެވަނަ އެހެން ކަމެއް ނޫނެވެ! އިޒްރޭލުން ޣައްޒާއަށް ދިން ހަމަލާއަކީ ދުވަހަކުވެސް އިޒްރޭލުގެ އަމިއްލަ ދިފާޢުގައި ދީފައިވާ ޙަމަލާއެއް ނޫނެވެ."