އެމެރިކާގެ ނޫސް "ދަ ވޮޝިންޓަން ޕޯސްޓް" އިން ކަށަވަރުކޮށްދީފައިވާ ގޮތުގައި ޣައްޒާގައި ނަސްލު ނައްތާލައި ހަނގުރާމައިގެ ޖަރީމާތައް ހިންގުމަށް އިޒްރޭލުން އެމެރިކާގެ ހަތިޔާރު ބޭނުންކޮށްފައިވާ ކަމުގެ އެތައް ސަތޭކަ ރިޕޯޓެއް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓަށް ލިބިފައި ވެއެވެ.

އޮފިޝަލުންނާ ހަވާލާދީ އެ ނޫހުން ބުނެފައިވަނީ އެމެރކާގެ ސްޓޭޓް ޑިޕާޓްމަންޓަށް އެކަން އެނގި ހުރެ ފިޔަވަޅު އަޅާފައި ނުވާކަމަށެވެ.

ވޮޝިންތަން ޕޯސްޓުން ބުނަނީ ބައިޑެންގެ ސަރުކާރަށް ގާތްގަނޑަކަށް 500 ރިޕޯޓް ލިބިފައިވާ ކަމަށާއި، އެ ރިޕޯޓްތަކުގައި އިޒްރޭލުން އެމެރިކާއިން ފޯރުކޮށްދިން ހަތިޔާރު ބޭނުންކޮށްގެން ހަނގުރާމައިގެ ޖަރީމާތައް ހިންގާފައިވާ ކަން ލިސްޓުކޮށްފައިވާ ކަމަށެވެ.

މިކަމުގެ މަޢުލޫމާތު ފާއްދާލި މަސްއޫލުވެރިން ވިދާޅުވަނީ، ވޭތުވެދިޔަ އަހަރު ސްޓޭޓް ޑިޕާޓްމަންޓަށް ހުށަހެޅި މި މައްސަލަތަކުގެ ތެރެއިން ބައެއް މައްސަލަތަކަކީ އެމެރިކާއިން ބައިނަލްއަގްވާމީ ގާނޫނުތަކާ ޚިލާފްވެފައިވާ ކަން ހާމަކޮށްދޭ މައްސަލަތަކަކަށް ވެދާނެ ކަމަށެވެ.

ޕޯސްޓުން ބުނަނީ މި ރިޕޯޓްތައް ފޮނުވީ އެމެރިކާ ސަރުކާރުގެ އެކި އިދާރާތަކުންނާއި ބައިނަލްއަގްވާމީ އެހީދޭ ޖަމިއްޔާތަކާއި އެންޖީއޯތަކާއި މީޑިއާ ރިޕޯޓްތަކާއި އެކަންކަމަށް ހެކިވި މީސްމީހުން ކަމަށެވެ. އަދި އޭގެ ތެރޭގައި އެމެރިކާގެ ހަތިޔާރުގެ ނަންތަކާއި ސީރިއަލް ނަންބަރުތަކާއެކު ފޮޓޯ ޑޮކިއުމަންޓޭޝަންތައް ވެސް ހިމަނާފައިވާ ކަމަށް ބުނެފައި ވެއެވެ.

"އެހެން ނަމަވެސް ސްޓޭޓް ޑިޕާޓްމަންޓުގެ އެތެރޭގައި ގެންގުޅޭ "މަދަނީންނަށް ދޭ ހަމަލަތަކަށް ބަލައި ފިޔަވަޅު އަޅާ އުސޫލު"ގައި އެފަދަ ކަމެއް ފާހަގަވެގެން އަންގައިފިނަމަ، ތަހުގީގެއް ނިންމައި އެ ތަހުގީގު ފެށުނުތާ ދެ މަސް ދުވަހުގެ ތެރޭގައި ފިޔަވަޅު އެޅުމަށް ލަފާދޭ ގޮތަށް އަންގާފައި ވީނަމަވެސް އެމެރިކާ ސްޓޭޓް ޑިޕާޓްމަންޓުން އެންމެ މައްސަލައެއް ވެސް ބަލައި ފިޔަވަޅު އެޅުމުގެ މަރުހަލާއަކަށް ގޮސްފައި ނުވޭ،" މިހާރުގެ އޮފިޝަލުންނާއި ކުރީގެ އޮފިޝަލުން ވޮޝިންޓަން ޕޯސްޓަށް މަޢުލޫމާތު ދެމުން ބުންޏެވެ.

އެމީހުން ބުނި ގޮތުގައި ތިންބައިކުޅަ ދެބައި މައްސަލަތަކަށް ވުރެ ގިނަ މައްސަލަތައް ހައްލު ނުކުރެވި ހުރިއިރު، މަސްއޫލުވެރިން ތިބީ، އިޒްރޭލުގެ ފޮރިން މިނިސްޓްރީއަށް އީމެއިލް ފޮނުވައިގެން ދެއަތް އުރައިގެން ނެވެ.