އިސްލާމްދީނުގެ ނަމުގައި ހަރުކަށި އަމަލުތައް ހިންގުމާއި އެފަދަ އަމަލުތައް ރާވައި ހިންގުމުގައި އިސްކޮށް އުޅޭ ކަމަށް ތުހުމަތު ކުރެވޭ ޏ. ފުވައްމުލައް، މާދަޑު، ކަރިއްޔާވިލާ، މުހައްމަދު އަމީން ޖަލަށް ބަދަލު ކުރުމަށް ހައިކޯޓުން އަމުރުކޮށްފި އެވެ.

ޝަރީއަތް ނިމެންދެން ޖަލު ބަންދުގައި ހުރި އަމީން ގޭބަންދަށް ބަދަލު ކުރުމަށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ޝަކީލް ނެރުއްވި އަމުރު ހައިކޯޓުން މިއަދު ވަނީ ބާތިލް ކޮށްފަ އެވެ.

ޝަރުތުތަކެއްކޮށް އަމީން ގޭބަންދަށް ބަދަލު ކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނާ ޚިލާފަށް ނެރުނު އަމުރެއް ކަމަށް ހައިކޯޓުން މިއަދު ވަނީ ކަނޑައަޅާފަ އެވެ.

އަމީންގެ މައްޗަށް ޓެރަރިޒަމްގެ ދެ ދައުވާއެއް އުފުލާފައިވެ އެވެ. އެއީ ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމުގެ ކުށުގެ ދައުވާއާއި، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާ އެވެ.

2007 ވަނަ އަހަރު މާލޭގެ ސަލްޓަން ޕާކުގައި ބޮން ގޮއްވާލުމުގައި އިސްކޮށް އަމީން އުޅެފައިވާކަން ތަހުގީގުން ވަނީ ހާމަވެފަ އެވެ. އެ ހާދިސާއަށްފަހު ފިލައިގެން ރާއްޖެއިން ބޭރަށް ދިޔުމުން އިންޓަޕޯލުން އޭނާ ހޯދަން ރެޑް ނޯޓިސް ވެސް ނެރުނެވެ.

އޭނާ އަކީ ސީރިއާއަށް ހަނގުރާމައަށް ދިވެހީން ފޮނުވުމުގައި އިސްކޮށް ހަރަކާތްތެރިވާ މީހެއް ކަމަށް ވެސް ތުހުމަތު ކުރެވެ އެވެ.