ޕާކިސްތާންގެ ބޮޑު ވަޒީރު އިމްރާން ޚާން ސްރީލަންކާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ދަތުރުކުރެއްވީ އިންޑިއާ މަތިން ކަމަށް މަޢްލޫމާތު ހުރި ފަރާތަކުން ހާމަކޮށްފިއެވެ. ޚާން ލަންކާއަށް ވަޑައިގަތީ މިމަހުގެ 23 ގައެވެ.

އިންޑިއާއިން ވަނީ ޚާންގެ ދަތުރުފުޅުގައި އިންޑިއާ މަތިން އުދުހުމުގެ ހުއްދަ ދީފައެވެ.

ގަލްފް ނިއުސް މީޑިއާއާ މިވާހަކަ ހިއްސާ ކުރެއްވި ފަރާތުން ވިދާޅުވެފައި ވަނީ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޮދީ ސައޫދީ އަރަބިއްޔާއާއި އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގައި ޕާކިސްތާން މަތިން ދަތުރުކުރެއްވުމަށް ހުއްދައަށް އެދުމުން އެއިރު ސަލާމަތީ ސަބަބުތަކަށްޓަކައި ކަމަށް ބުނެ ޕާކިސްތާނުން އިންޑިއާގެ ވީވީއައިޕީ ބޯޓް ޕާކިސްތާންގެ ވައިގެ ސަރަހައްދަށް ވަނުމަށް ދެކޮޅު ހެދި ކަމަށެވެ.

އިންޑިއާއިން ވަނީ ވީވީއައިޕީ ދަތުރަށް ޕާކިސްތާނުން ހުއްދަ ނުދިން މައްސަލަ އިންޓަރނޭޝަނަލް ސިވިލް އެވިއޭޝަން އޮރގްނައިޒޭޝަންއާ ޙިއްސާ ކޮށްފައެވެ. އާންމު އުސޫލަކީ ވީބވީއައިޕީގެ އުދުހުންތަކަށް ވައިގެ ސަރަހައްދު ހުޅުވައި ދިނުމެވެ.