އައްޑޫސިޓީ ހުޅުދޫ/މީދޫން އިން މިއަދު އިތުރު މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
އެރަށުން މިއަދު ޕޮޒިޓިވް ވެފައިވަނީ ހުންއައިގެން ފުލޫ ކްލިކަށް ދެއްކި މީހެކެވެ. މިއީ ވެސް އެއްވެސް ލިންކަކާ ގުޅުމެއްނެތް މީހެކެވެ. އެހެން ކަމުން އެރަށުގައި ކޮމޮޔުނިޓީ ސްޕްރެޑެއް އޮތީ ކަމަށް ލަފާކުރެވިދާނެއެވެ. މި މީހާ ކޮވިޑަށް ޕޮޒިޓިވް ވުމުން އެރަށުން ޕޮޒިޓިވްވި މީހުންގެ ޢަދަދު މިހާރު ވަނީ 9 އަށް އަރައިފައެވެ.
މިމީހާ ޕޮޒިޓިވް ވުމުން އައްޑޫގައި އެކްޓިވް ކޭސްތަކުގެ ޢަދަދު މިވަނީ 31 އަށް އަރައިފައެވެ. މީގެ ތެރެއިން 4 މީހަކަށް މިހާރުދަނީ ހޮސްޕިޓަލުގައި ފަރުވާމުން ދެމުންނެވެ.
އައްޑޫސިޓީން ބަލި ޖެހުނު މީހުންގެ ތެރެއިން 47 މީހަކު ވަނީ ބަލިން ފަސޭހަވެފައެވެ. ހުޅުދޫ/މީދޫއިން އައު ކޭސް އެއް ފެނުމުން އެރަށުގައި ދެން އަޅަންވީ ފިޔަވަޅުތަކާ ބެހޭ ގޮތުން ކަމާބެހޭ ފަރާތްތަކުން މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެއްވެސް ކްލަސްޓަރ އަކަށް ނިސްބަތްނުވާ މީހުން އެރަށުން މަދުން ނަމަވެސް ފެނުމަކީ ސީރިއަސް ކަމެއް ކަމަށް ބަލައި ރައްކާތެރި ކަމުގެ އަވަސް ފިޔަވަޅު އަޅަން ޖެހެއެވެ. މިހާރު ވެސް އެ ދެރަށުގައި ވަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅައިފައެވެ.