އެފްރިކާގެ 43 ގައުމަކަށް އިންޑިއާއިން 13 ބިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓެއް ދީފައިވާ ކަމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ޑިވެލޮޕްމެންޓް ޕާރޓްނާޝިޕް އެޑިޝަނަލް ސެކެޓްރީ އަކީލޭޝް މިޝްރާ ހާމަކުރައްވައިފިއެވެ. އޭނާ ވިދާޅުވިގޮތުގައި މި ފައިސާ ހޭދަކޮށްފައިވާ ޕްރޮޖެކްޓްތަކުގެ ތެރޭން 189 ޕްރޮޖެކްޓެއް ބަނީ ފުރިހަމަ ކުރެވިފައެވެ. އިތުރު 77 ޕްރޮޖެކްޓެއްގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.
އޭނާ ވިދާޅުވާ ގޮތުގައި އިންޑިއާއިން ދީފައިވާ އެހީގައި ޕްރޮޖެކްޓްތައް އިޚުތިޔާރު ކުރަނީ އެގައުމަކުން އަމިއްލައަށެވެ. އަދި ފައިނޭންސްގައިވެސް އެއީ ހިލޭ އެހީއެއްތޯ ނުވަތަ ދިގު މުއްދަތުން ދައްކާ ކަހަލަ އިންޓަރެސްޓް ކުޑަ ލޯނެއްތޯ ކަނޑައެޅުންވެސް އޮންނަނީ އެ ގައުމެއްގެ އަތް މަތީގައެވެ.
މި މޮޑެލްއަށް ދިއުމުން ގައުމުތަކުގެ ބޯމަތީގައި އޮންނަ ކަނޑިއެއްހެން އިންޑިއާގެ ދަރަނިތައް ހޯރަ ނާޅާނެ ކަމަށް އޭނާ ވިދާޅުވެއެވެ.
އިންޑިއާއިން އެފްރިކާއަށް ޚާއްސަ ޝައުގުވެރިކަމެއް ގެންގުޅެން ފެށީ 2018 އިން ފެށިގެންނެވެ. އިންޑިއާޣެ ބޮޑު ވަޒިރު ނަރެންދްރަ މޮދީ ވަނީ އެފްރިކާ ބައްރުގެ ތަރައްގީގައި އިންޑިއާއިން ބައިވެރިވުމަށް ދިހަ ނުކުތާގެ އުސޫލެއް ކަނޑައަޅާފައެވެ.
އިންޑިއާގެ މަސްއޫލުވެރިން ވިދާޅުވާ ގޮތުގައި އިންޑިއާއިން ގެންގުޅޭ ޑިޕްލޮމެސީއަކީ ދެ ފަރާތް ވެސް ތަރައްގީވާ ގޮތަށް ވިޔަފާރި މަސްލަހަތަށް ބިނާވެފައިވާ ޑިޕްލޮމެސީއެކެވެ. އެގޮތުން އިންޑިއާއިން އެގްރިކަލްޗަރަލް ޕަލާންޓެއް ބަހައްޓައިފިނަމަ ނުވަތަ އިންޖީނުގެއެއް ބަހައްތައިފިނަމަ އެއިން އިންޑިއާއަށް އިތުރު ވިޔަފާރި ލިބޭނެއެވެ. ހަމައެފަދައިން އިންޑިއާއިން ހިލޭ ވެކްސިން ދިނުމުން އޭގެ ބަދަލުގައި އިންޑިއާއިން ބޭސް ގަތުމަށް ގައުމުން ޝައުގުވެރިވާނެ ކަމަށް މަސްއޫލުވެރިން ވިދާޅުވެއެވެ.
އިންޑިއާއިން އެފްރިކާއާއެކު 66.7 ބިލިއަން ޑޮލަރުގެ ވިޔަފާރި ހިންގައެވެ. އަދި ޗައިނާއިން 200 ބިލިއަން ޑޮލަރިގެ ވިޔަފާރި ހިންގައެވެ. އިންޑިއާގެ ޑިޕްލޮމޭޓުން ވިދާޅުވާ ގޮތުގައި ޗައިނާއާ ޚިލާފަށް އިންޑިއާއިން ކުރާ އިންވެސްޓްމެންޓަކީ އިންޑިއާގެ ވިޔަފާރިއާ އެކަށީގެންވާ އަދަދެކެވެ.