އަންނަ ހޮނިހިރު ދުވަހުން ފެށިގެން ރޭގަނޑު 8:00ގެ ފަހުން ކެފޭ، ރެސްޓޯރަންޓުތަކުން ހަމައެކަނި ޓޭކްއަވޭ އާއި ޑެލިވަރީގެ ހިދުމަތް ދެވޭ ގޮތަށް އެޗްޕީއޭ އިން ހަމަޖައްސައިފި އެވެ.
ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި މިރޭ ނެރުއްވި އެންގުމެއްގައި ވަނީ މިމަހުގެ 27 ވަނަ ދުވަހުން ފެށިގެން، ހަތް ދުވަހުގެ މުއްދަތަށް ރޭގަނޑު 8:00 އިން 10:30 އަށް މާލެ ސަހަރައްދުގެ ކެފޭ ރެސްޓޯރަންޓުތަކުން ދެވޭނީ ޑެލިވަރީ އަދި ޓޭކް އަވޭގެ ހިދުމަތް އެކަނި ކަމަށެވެ. އަދި ވަގުތުގައި ކެފޭ، ރެސްޓޯރަންޓުތައް ހުޅުވައިގެން ޚިދުމަތް ދިނުމަކީ މަނާކަމެއް ކަމަށް ވެސް އެޗްޕީއޭ އިން ބުންޏެވެ.
މީގެ އިތުރުން ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކާއި އަމިއްލަ އޮފީސްތަކުގެ މުވައްޒަފުންނަށްވެސް ކޮންމެހެން ކުރަން ޖެހޭ މަސައްކަތެއް ކުރުމަށް ނޫނީ ގޭގައި މަސައްކަތް ކުރެވޭނެ އިންތިޒާމުތައް ހަމަޖައްސައިދިނުމަށް އެޗްޕީއޭ އިން ވަނީ އަންގާފަ އެވެ.
މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގެ ފަރާތުން ބައިވެރިވެވަޑައިގެންނެވި ޑރ. އަހްމަދު ޝަހީދު ވިދާޅުވީ ގިނަ އަދަދެއްގެ ބަޔަކު ކެފޭ، ރެސްޓޯރަންޓުތަކަށް ގޮސް މާސްކު ނާޅައި ގިނަ ވަގުތު ވާހަކަދައްކަން ތިބޭކަން ފާހަގަވެފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ބަލި ފެތުރުމުގެ ފުރުސަތު ބޮޑު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިރޭ ފިޔަވަޅުތައް ހަރުކަށި މިކުރީ މާލޭގައި ކޮވިޑްގެ ފިޔަވަޅުތައް ހަރުކަށި ކުރާނެ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް މިއަދު ވިދާޅުވެފައި ވަނިކޮށެވެ. މިނިސްޓަރު ނަސީމް ވިދާޅުވީ މިއީ މާލެ ލޮކްޑައުން ކުރަންޖެހޭ ފަދަ ހާލަތެއް ކަމަށާއި ނަމަވެސް ލޮކްޑައުން ކުރުމުން ލިބޭނެ ގެއްލުމަށްބަލައި، އެކަން ނުކޮށް އެހެނިހެން ފިޔަވަޅުތައް ވަރުގަދަ ކުރަން ނިންމާފައިވާ ކަމަށެވެ.