އިންޑިއާގެ ބޯޕާލުގެ ފަގީރު އަވަށަކަށް ކޮންމެ ދުވަހަކު އަންނަ ހުދު ވޭނުގައި އައިސް މީހުން ވެކްސިން ޖެހުމަށް ތާޅަފިލިން ގޮވައި ހެދުމުން، ފުރުސަތު ނަގާ ނުލުމަށް މީހުން ވެކްސިންއަށް ކިޔޫ ހަދައެވެ. މި މީހުންގެ ގަޔަށް ކަށި ހެރުމުގެ އިތުރުން ކޮންމެ މީހަކަށް 750 ރުޕީސް ވެސް ލިބެއެވެ. މިއީ ދެ ދުވަހުގެ މަސައްކަތުގެ ފައިސާއަށް ވުމުން އެކަކުވެސް މީތިކޮޅު ދޫކޮށްލާކަށް ބޭނުމެއް ނުވެއެވެ.

މިހާރު މި އެނގެނީ މިއީ ހިސާބުގަނޑުގެ ހަސްފަތާލުން މީހުންނަށް އެންގުމަކާ ނުލައި ވެކްސިން ޓެސްޓް ކުރުމަށް މީހުންނަށް އޮޅުވާލައިގެން ބޭނުން ކުރި ފުރުސަތެއް ކަމަށެވެ. މީގައި ޓެސްޓްކޮށްފައި ވަނީ ކޯވެކްސިންއެވެ. ކޯވެކްސިން އަކީ އިންޑިއާގެ އަމިއްލަ ކުންފުންޏެއްކަމަށްވާ ބާރަތު ބައޯޓެކްގެ ވެކްސިންއެވެ.

އިންޑިއާގެ އަމިއްލަ ވެކްސިން އުފެއްދި ބާރަތު ބައޯޓެކް

އިންޑިއާގެ ވެކްސިންގެ ކްލިނިކަލް ޓެސްޓްތައް ހެދުމަށް އެކުލަވާލާފައިވާ ގައިޑްލައިން ބުނާ ގޮތުން މީހންނަށް ވެކްސިން ޓެސްޓް ކުރަންވާނީ އެމީހުންނަށް އޭގެ މަޢްލޫމާތުދީ، އެމީހުންގެ ރުހުން ހޯދުމާއެކުގައެވެ.

ބޯޕާލްގައި ސަތާރަ ސަތޭކަ މީހުންނަށް ޓެސްޓް ކުރުމަށް ހުއްދަ ދީފައިވާ ކަމަށް ވެއެވެ. ބޯޕާލްއަކީ 1984ގެ ޔޫނިއަންކާރބައިޑް ކާރިސާ ދިމާވި ސިޓީއެވެ. މި ޓެސްޓްތައް ކޮށްފައިވާ ފަގީރު އަވަށަކީވެސް މި ހާދިސާ ހިނގި ތަނާ ދެ މޭލު ދުރުގައި އޮންނަ ފަގީރު އަވަށެކެވެ.

ބޯޕާލްގައި ކޮށްފައިވާ ޓެސްޓަކީ ކޯވެކްސިންގެ ތިން ވަނަ މަރުހަލާގެ ޓެސްޓެވެ. އިންޑިއާ ސަރުކާރުން ވަނީ ޖެނުއަރީގައި މި ވެކްސިން ކުއްލި ހާލަތުގައި ބޭނުން ކުރުމަށް ހުއްދަ ދީފައެވެ. އަދި އިންޑިއާ ސަރުކާރުން ވަނީ މީގެ 5.5 މިލިއަން ޑޯޒްވެސް ގަނެފައެވެ. އިންޑިއާ ސަރުކާރުން ގިނައިން ގަނެފައި ވަނީ އެސްޓްރާ ޒެނެކާގެ ކޮވިޝީލްޑް ވެކްސިންގެ 11 މިލިއަން ޑޯޒްއެވެ.