ޗައިނާގައި ކޮވިޑް ޓެސްޓް ކުރުމަށް، އެމެރިކާ ޑިޕްލޮމޭޓުންގެ ފުރަގަސްފަރާތުން ސާމްޕަލް ނެގުން އެމެރިކާއިން ކުށްވެރިކޮށް، އިހުތިޖާޖުކޮށްފިއެވެ. އެމެރިކާއިން ތުހުމަތު ކުރާ ގޮތުގައި އެގައުމުގެ ޑިޕްލޮމޭޓުންނަށް މިފަދަ ޓެސްޓްތައް ޗައިނާއިން ވަނީ ހަދާފައެވެ.

ސީއެންއެންއަށް ސްޓޭޓް ޑިޕާޓްމަންޓުން ދީފައިވާ ބަޔާނެއްގައި ބުނެފައިވަނީ ޗައިނާއިން އެމެރިކާ ޑިޕްލޮމޭޓުންނަށް މިފަދަ ޓެސްޓްތައް ހަދާފައިވާ ކަމަށެވެ. އަދި މިކަމަކީ އެމެރިކާއިން ހުއްދަ ދީފައިވާ ކަމެއް ނޫން ކަމަށާއި މިކަމަށް އެމެރިކާއިން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށް އިޖުތިޖާޖު ކުރާ ކަމަށެވެ.

ޗައިނާގެ މީޑިއާ ބުނާ ގޮތުން މިފަހަކަށް އައިސް މިފަދަ ޓެސްޓްތައް ޗައިނާއިން ހަދާފައި ވެއެވެ. އަދި ސިއްޙީ ދާއިރާގެ ފަރާތްތަކާ ހަވާލާ ދީ ބުނެފައިވަނީ ފުރަގަސްފަރާތުން ނަފާ ސާމްޕަލް ތަކަކީ، ކަރު ބުޑުން ނަނގާ ސާމްޕަލްތަކަށް ވުރެން މާއިތުބާރު ބޮޑު ނަތީޖާ ސައްހަ ސާމްޕަލްތަކެއް ކަމަށެވެ.

ސްޓޭޓް ޑިޕާޓްމަންޓުން ބުނެފައިވަނީ މި ފަދަ ޓެސްޓްތައް ނުކުރާނެ ކަމުގެ ޔަގީންކަން ޗައިނާއިން ދީފައިވާ ކަމަށެވެ. އަދި ޑިޕްލޮމޭޓުންނަކީ މިފަދަ ޓެސްޓްތަކުން އިސްތިސްނާވެފައިވާ ބައެއްކަމުގައިވެސް ޗައިނާއިން ބުނެފައިވާ ކަމަށެވެ.

ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާން ޒީ ލިއޯޖިއާން ވިދާޅުވެފައިވަނީ ފުރަގަސްފަރާތުން ސާމްޕަލް ނެގުމަށް އެމެރިކާގެ ޑިޕްލޮމޭޓުންގެ އަރިހުން ޗައިނާއިން އެދިފައި ނުވާނެ ކަމަށެވެ. އަދި އޭނާ ވިދާޅުވީ މިފަދަ ކަމެއް ހިނގާފައިވާ ކަން އެނގި ވަޑައިގެންފައި ނުވާ ކަމަށެވެ.