ފުރިހަމަ ހަތިޔާރާއެކު އަރައި ރާއްޖޭގެ ވެރިކަން ބަދަލު ކުރަން ދިވެހި 3 ޣައްދާރުންނާއެކު ސްރީލަންކާގެ ޕްލޯޓް ޖަމާއަތުގެ 80 ޓެރަރިސްޓުން މާލެ ފޭބީ 2 ބޯޓެއްގައެވެ.

މުޅި ހަމަލާ ރާވާފައި ވަނީ ސިފައިންގެއަށް ދޭ ކުއްލި ހަމަލާއަކުން ސިފައިންގެ ހިފައި ރާއްޖޭގެ ވެރިކަން ފޮރުޅާލުމަށެވެ. ހަމަލާގެ މޭސްތިރިޔަކީ ގަލޮޅު ހާޖަރާގޭ ޢަބްދުﷲ ލުތުފީއެވެ. އޭނާގެ އެހީތެރިންނަކީ އަހްމަދު ނާސިރު (ސަގަރު ނާސިރު) އާއި އަބްދުﷲ ޝާހިދާއި ކަރޯ އައްބާސް އިބްރާހިމެވެ.

ބާޣީ އަބްދުﷲ ލުތުފީ އާއި ޓެރަރިސްޓް ހަމަލާގެ ކޮމާންޑަރު، ވަސަންތީ ދަތުރުކުރި ބޯޓް މާލެއަށް ކައިރިކޮށް، މާލެ ފޭބި ކަމަށް ލަފާ ކުރެވެނީ ފަތިހު 4:00 ހާއިރުއެވެ. އެ ބޯޓުގައި ފުރިހަމައަށް ހަތިޔާރު އަޅައި ހަމަލާދޭން ތައްޔާރަށް ތިބި 3 ގްރޫޕެއް ތިިއްބެވެ. މި ބޯޓުން ފުރަތަމަ ފޭބީ ކޮމާންޑަރު ވަސަންތީ ހިމެނޭ ގްރޫޕެވެ. މި ހަމަލާގެ ތަހްޤީޤުގެ ތަކުގެ މަޢުލޫމާތުތަކަށް ބަލާއިރު މުޅި ހަމަލާގެ ސިކުނޑިއަކީ ވަސަންތީއެވެ.

ވަސަންތީއާއެކު އޭނާގެ ގްރޫޕު، ކާނޭޝަން މަގު ހުރަސްކޮށް، ކުރީގެ އެއަރ މޯލްޑިވްސް ހުރި އިމާރާތް ކައިރީ، އިމާރާތުގެ ކަންމަތީ ތިބެ ކުއްލި ގޮތަކަށް ސިފައިންގެއަށް ހަމަލާ ދޭންފިއެވެ. ޓެރަރިސްޓުން ފޮނުވާލި ފުރަތަމަ ވަޒަނަށް، ސިފައިންގެއިން ތެރެއިންވެސް ވަގުތުން ރައްދު ދިނެވެ. މިކަންވީ ޓެރަރިސްޓުންގެ ކޮމާންޑަރު ވަސަންތީއަށް ސިހުން ގެނުވިކަމަކަށެވެ. ޕްލޭން ރާވާފައިވާ ގޮތް މުޅިން ބަދަލު ކުރަން ޓެރަރިސްޓުންނަށް މަޖުބޫރު ކުރުވި ސަބަބަކަށެވެ. އޭރު ގާތްގަނޑަކަށް ފަތިހު 4:15 ވާނެ ކަމަށް ލަފާކުރެވެއެވެ.

ހަމަލާ ފެށުމާއެކު ވަސަންތީ ދިޔައީ، އޭނާގެ ގްރޫޕާއެކު ފާށަނާ ބިލްޑިންގުގެ އިރުއުތުރު ކަނާ ދިމާއަށެވެ. އެތާ ތިބެ، ރައީސް އޮފީހުގެ ހުޅަނގު އުތުރު ދޮރާށީގައި ފޯރިއަށް ހުރި ގދ.ތިނަދޫ، ޢަބްދުﷲ ޒުހައިރުގެ ގަޔަށް ބަޑައި ޖަހައި ޝަހީދު ކޮށްލިއެވެ.

އޭރު ސިލްވަޔަރ ސަންކަރުގެ ގްރޫޕުން އެއަރ މޯލްޑިވްސް ކައިރީ ތިބެގެން ދިޔައީ ސިފައިންގެ މައި ދޮރަށް ވަރުގަދައަށް ހަމަލާ ދެމުންނެވެ. މުޅި ދިވެހި އުއްމަތް، ފަހްރުވެރިވާ އުމުރުން އެންމެ 19 އަހަރުގެ ޝަހީދު ހުސައިން އާދަމް، ޝަހީދުވީ ސިލްވަޔަރ ސަންކަރުގެ ގްރޫޕުން ދިން ހަމަލާތަކުގެ ސަބަބުންނެވެ. ޖޯޝުގައި ޝަހީދު ހުސައިން އާދަމް ދެމުން ދިޔަ ޖެހިކުން ކުޑަ، ހުށިޔާރު ރައްދު ހަމަލާގެ ސަބަބުން މުޅި ޓެރަރިސްޓް ޖަމާއަތް ހުއްޓުން އަރުވާލައި ސިފައިންގެއާ ކައިރިޔަ ނުދީ ދުރުގައި މަޑުކުރަން މަޖުބޫރު ކުރުވިއެވެ. އަދި ސިފައިންގެ ބޭކަލުންނަށް ދިވެހި ޤައުމު ދިފާއުކުރުމަށް ތައްޔާރުވާނެ ވަގުތު ލިބުނެވެ.

ކަނީރު މަގުން ދުވަމުން ގޮސް ވަސަންތީ، ޕޮލިސް ހެޓްކުއާޓަރޒްގެ ފާރު ކައިރި ހުއްޓިހުރެ ސިފައިންގެ މައި ދޮރާ ދިމާއަށް އަތުބޮމެއް އެއްލީވެސް ހަމަލާގެ ފުރަތަމަ ގަޑިއިރު ތެރޭގައެވެ. މާތްﷲ ގެ ހެޔޮ ރަހްމަތްފުޅުން ބޮން ގޮވާ ގޮތެއް ނުވިއެވެ. ބޮން ނުގޮވުމުން ވަސަންތީ، ޕޮލިސް ހެޑްކުއާޓަރަށް ބަޑި ޖަހަމުން ކުރިއަށް ނިކުތެވެ. ހަމައެވަގުތު ސިފައިންގެއިން ދިން ވަރުގަދަ ރައްދު ހަމަލާއެއްގައި ވަސަންތީ ގަޔަށް ވަޒަން އަރައި މަރުވެގެން ވެއްޓުނީއެވެ.

ސިވަމްގެ ގްރޫޕް، ޗާންދަނނީމަގުން ދެކުނަށް ގޮސް، މެދުޒިޔާރަތްމަގުން އިރަށް ގޮސް، އިސްލާމީ މަރުކަޒު ފާރު ކައިރީ ތިބެ، އެދިމާ ސިފައިންގެ ފާރުގެ ކަނުން ބޮޑު ތަންގަނޑެއް ގޮއްވާލިއެވެ. ބާރު އަޑާއެކު އެވަގުތު އޮލަ ދުންގަނޑެއްވެސް އަރައިގަތެވެ. ސިފައިންގެ ތެރެއިން ހަޅޭކުގެ އަޑުވެސް މިވަގުތު ގަދަވެގެން ދިޔައެވެ. ސިފައިންގޭގެ ފާރު ގޮއްވާލިކަމަށް ލަފާ ކުރެވެނީ ފަތިހު 4:30 ހާއިރުއެވެ.

ސިފައިންގެ ފާރުން ބައެއް ގޮއްވާލިއިރު، ޓެރަރިސްޓުން ގެންދިޔައީ ސިފައިންގެއަށް 3 ދިމާއަކުން ކެނޑިނޭޅި ވަރުގަދައަށް ހަމަލާ ދެމުންނެވެ. ސިފައިންގެ ފާރުން ގޮއްވާލި ބާގަނޑު ތެރެއިން ދުޝްމިނުން ވަދެގަތުމަށް މަސައްކަތް ކުރިއެވެ. އެކަމަކު ދިވެހި ހިތްވަރުގަދަ ސިފައިން، މެޝިން ބަޑިއެއް އެދިމާއަށް އަމާޒުކޮށް، ދުޝްމިނުންނަށް ހަމަލާ ދޭން ފެށުމުން، ސިފައިންގެ ތެރެއަށް ދުޝްމިނުންނަށް ވަދެވޭ ގޮތް ނުވީއެވެ.

ހަމަލާގެ ފުރަތަމަ 1 ގަޑިއިރު ތެރޭގައި ދިވެހި ސިފައިންގެ ފަރާތުން ފެނުނު އާދަޔާ ޚިލާފް ހިތްވަރާއި، ކެރުންތެރިކަމަކީ ދިވެހި ޤައުމު ދެމިއޮތްހައި ހިނދަކު މި ޤައުމު ހަނދާން ނެތޭނެ ކަމެއް ނޫނެވެ. އެ ދުވަހު ޤައުމުގެ ދިފާއުގައި ތެދުވީ ހަޤީޤީ ބަތަލުންނެވެ.

"ފުރާނައިންވި ޤުރުބާން އެއީ މާތް ދަރިންނޭ

ކުރާނީ ވެދުން ރީތި ފިނިފެންމަލުންނޭ

ކިޔާ ދޫ ތަކުން މިއީ ޝުކުރުވެރި ތަރާނާ"