މޮރޮކޯގެ ސަލާގެ މަސްޖިދުލް ޖާމިއުލް އަޢްޒަމް އަކީ މެންދުރު ނަމާދާއި އަސްރު ނަމާދުން ކުރެ ކޮންމެ ނަމާދަކަށް ދެފަހަރަށް ބަންގި ގޮވާ މިސްކިތެކެވެ. ސަލާގެ މި މިސްކިތަކީ ހާސް އަހަރު ވެފައިވާ ހިސާބުގައި ހުރި އެންމެ ޒަމާންވީ މިސްކިތެވެ. ސްޕެއިންގައި މުސްލިމުންގެ ނަސްލު ނެތިކޮށްލުމަށް މަސައްކަތް ފެށުމުން އަންދަލުސްއިން ހިޖުރަ ކުރި ގިނަ މީހުންވެސް ފަހުން އައިސް ވަޒަންވެރިވީ ސަލާގައެވެ.
މަސްޖިދުލް ޖާމިއުލް އަޢްޒަމްއަކީ ޒަމާނުއްސުރެން ދީނީ ދަރުސް ދިނުމާއި އިސްލާމް ދީން އުގަންނައި ދިނުމުގެ މަރުކަޒެކެވެ. ދުރު ހިސާބުތަކުން މީހުން ފިޤުހު އިލްމާއި ތަފްސީރާއި ހަދީސް ޢިލްމު އުނގެނުމަށް ސަލާގެ ޖާމިޢުލް އަޢްޒަމްއަށް އައިސް ދަރިވަރު ވެފައި ވެއެވެ.
މި މިސްކިތަށް އެކި ޒާމްނތަކުގައި ދެވުނު ހަމަލާތަކާއެކު މިސްކިތް ހަލާކު ވުމާއެކު ތަފާތު މަރާމާތުތަކާއި ބަދަލުތައް އައިސްފައި ވެއެވެ. ފަރަންސޭސިންގެ އިސްތިއުމާރު ދުވަސްވަރު ފަރަންސޭސިންނާ ދެކޮޅަށް ހަރަކާތްތެރިވި މީހުންނަށް ފުރުސަތު ނުދިނުމަށްޓަކައި މި މިސްކިތް ބަންދުކޮށްފައި ބެހެއްޓި އެވެ.
އިހުގެ އާދަ ކާދަ އޮންނަ އޮންނަ ގޮތުން ސަލާގައި އެއްވެސް މިސްކިތެއްގައި ބަންގި ގޮވާނީ ޖާމިއުލް އަޢްޒަމްގައި ބަންގި ގޮވާ ފަހުންނެވެ.
މި މިސްކިތުގައި މެންދު ނަމާދާއި އަސްރު ނަމާދުން ކުރެ ކޮންމެ ނަމާދަކަށް ދެ ބަންދި ދޭ އާދަކާދައާ ބެހޭ ގޮތުން މިސްކިތުގެ އިމާމް ވިދާޅުވަނީ މަސައްކަތްތެރިންނަށް ފަސޭހައަކަށް ޓަކައި އިންތިޒާމް ކޮށްފައި އޮންނަ ގޮތެއް ކަމަށެވެ. ފުރަތަމަ ބަންގިއާއެކު މުންނާރަށް ދިދަ އެއް ނަގާނެއެވެ. އަދި ދެ ވަނަ ބަންދި ދޭނީ ފުރަތަމަ ބަންގީގެ 45 މިނެޓް ފަހުންނެވެ. އެއާއެކު ދިދަ ތިރި ކުރާނެއެވެ.
ފުރަތަމަ ބަންގި އާއެކު ބޭނުން މީހަކަށް އެމީހަކު ހުރި ހިސާބެއްގެ ކުޑަ މިސްކިތަކަށް ވަދެފައި ނަމާދު ކޮށްލެވިދާނެއެވެ. ނަމަވެސް ސަލާގެ ޖާމިޢުލް އަޢްޒަމްގައި ޖަމާއަތުގައި ނަމާދު ފަށާނީ ދެވަނަ ބަންގީގެ ފަހުންނެވެ. މި ދެވަނަ ބަންގިއަކީ އެމިސްކިތުގެ ޖަމާއަތާ ގުޅެން ބޭނުންވާ މީހުންނަށް އޮންނަ ދަޢުވަތެކެވެ.