ޤާނޫނީ ވެރިކަން ހިންގައި ގާނޫނުތައް ނެގެހެއްޓުމުގައި 3 ވަނައަށް އެންމެ ވިޔާނުދާ ގައުމަކީ ޕާކިސްތާން ކަމަށް ގިންތިކޮށްފިއެވެ. ދުނިޔޭގެ ފެންވަރުގައި ތިންވަނައަށް އެންމެ ވިޔާނުދާ ގައުމުކަމަށް ޕާކިސްތާނު ކަނޑައެޅީ، ވޯލްޑް ޖަސްޓިސް ޕްރޮޖެކްޓް (ޑަބްލިއުޖޭޕީ) އިން ނެރުނު ރިޕޯޓުގައެވެ.

އެ ޖަމާއަތުގެ 2024 ވަނަ އަހަރުގެ ރޫލް އޮފް ލޯ އިންޑެކްސްގައި ޕާކިސްތާނު ގިންތިކޮށްފައި ވަނީ، 142 ގައުމުގެ ތެރެއިން 140 ވަނަ އަށެވެ.

ޤާނޫނާއި ޤަވާއިދު ނަގާލުމުގައި ޕާކިސްތާނަށް ވުރެ ދަށުގައި އޮތީ ހަމައެކަނި އެފްރިކާގެ މާލީއާއި ނައިޖީރިއާއެވެ.

ޕާކިސްތާނުގެ އަދުލުގެ ނިޒާމާއި އިންސާނީ ހައްގުތައް ހިމާޔަތްކުރުމާއި ސަރުކާރުގެ ޖަވާބުދާރީވުމުގައި ހުރި ބޮޑެތި ގޮންޖެހުންތައް ފާހަގަކޮށްފައިވެ އެވެ. ޕާކިސްތާންގެ ހިންގުން މިހާ ދަށުން ގިންތިކޮށްފައި ވަނީ ކޮރަޕްޝަނާއި، ޝަރުއީ ދާއިރާގެ މިނިވަންކަން ހަނިވުމާއި، އަސާސީ ހައްގުތަކާ ހިލާފުވުން ފަދަ ބޮޑެތި މައްސަލަތަކާ ހެދިއެވެ.

ޑަބްލިއުޖޭޕީން ގައުމުތައް ވަޒަންކުރަނީ ސަރުކާރުގެ ބާރުތައް ތަންފީޒު ކުރުމަށް ހުރި ހުރަސްތަކާއި، ކޮރަޕްޝަން ނައްތާލުމަށް ކުރާ މަސައްކަތާއި ނޫނީ ކޮރަޕްޝަން އަށަގެންފައިވާ މިންވަރާއި އަމަން އަމާންކަން ބެލެހެއްޓުމާއި ސަލާމަތީ ކަންކަމުގެ ގޮންޖެހުން ފަދަ މައިގަނޑު އަށް ދައިރާއަކަށް ބަލައިގެންނެވެ.

ޕާކިސްތާނަށް ހުރިހާ ކެޓަގަރީއަކުން ވެސް މާކްސް ލިބިފައި ވަނީ ވަރަށް ދަށުންނެވެ.

ޕާކިސްތާންގައި މައިގަނޑު މައްސަލަތަކެއްގެ ގޮތުގައި، ފާޑުކިޔާ ފަރާތްތަކުން ފާހަގަ ކޮށްފައި ވަނީ، ޝަރުއީ ދާއިރާއާއި ފުލުހުންގެ އިދާރާތަކުގައި ކޮރަޕްޝަން އާންމު ވުމާއި، ސަރުކާރުން ކަންކަން ސިއްރު ކުރުން އިތުރު ވެފައި ވުމާއި ހާމަކަން ކުޑަވުމާއި، ގާނޫނާއި ގަވާއިދުތައް ތަންފީޒު ނުކުރެވުމެވެ.

ދުނިޔޭގެ އެންމެ ދަށުން ޕާކިސްތާން ދަރަޖަ ކުރުމުން ދައްކުވައި ދެނީ، ސިޔާސީ ފަންތިން ސަރުކާރު ގެ މުއައްސަސާތަކަށް ނުފޫޒު ފޯރުވުމާއި އަދުލު އިންސާފު ގާއިމް ނުކުރެވޭ ޝަރުއީ ނިޒާމެވެ.

ސަރުކާރު މުއައްސަސާތަކުގެ ތެރޭގައި ކޮރަޕްޝަން ފުންކޮށް ބިންވަޅު ނެގިފައިވުމާއި، އިންސާނީ ހައްގުތަކާ ހިލާފުވުމާއި އެކި ސަރަހައްދުތަކުގައި އާންމުންނަށް ރައްކާތެރިކަން ނެތުމުން ޕާކިސްތާނުގެ މަގާމު އިތުރަށް ބަލިކަށި ކަމަށް ދައްކައެވެ.

ޕާކިސްތާނުގެ މަޝްހޫރު އިނގިރޭސި ބަހުން ނިކުންނަ ދުވަހު ނޫހެއް ކަމަށްވާ ޑޯންގެ އެޑިޓޯރިއަލްއެއްގައި ބުނެފައިވަނީ، "ދުވަހަކުވެސް ހުރިހާ ފަރާތްތަކެއް ގައުމަށްޓަކައި އެއް ޞަފްޙާއެއްގައި ތިބެން ބޭނުންނަމަ، މުއައްސަސާތައް އިސްލާހު ކުރުމަށް އިސްކަން ދޭން ޖެހޭކަން މިއިން ދައްކައިދޭ ކަމަށެވެ."