ދެވަނަ ދައުރެއް ކާމިޔާބު ކުރުމަށް އިންތިހާބުގައި ވާދަކުރައްވާ ވެރިން ނުވަތަ ވެރިކަން ކުރާ ޕާޓީތަކަށް އިންތިޚާބު ނާކާމިޔާބު ވުމަކީ މި އަހަރުގެ ތެރޭގައި ބޭއްވި ގިނަ އިންތިހާބުތަކުގައި އެންމެ ފާހަގަކޮށްލެވުނު ސިފައެކެވެ.

އިނގިރޭސިވިލާތުގައި މިދިޔަ ޖުލައި މަހު ބޭއްވި އިންތިޚާބުގައި ކޮންޒަވޭޓިވް ޕާޓީގެ ބާރު ގެއްލި، އިދިކޮޅު ލޭބަރ ޕާޓީން އިންތިޚާބު ކާމިޔާބު ކުރިއެވެ.

އޭގެ ކުރިން އެފްރިކަން ނޭޝަނަލް ކޮންގްރެސްއަށް ވަނީ ދެކުނު އެފްރިކާގައި ނަސްލީ އިމްތިޔާޒުގެ ހުދު މީހުންގެ ވެރިކަން ރޫޅިގެން ދިޔަ ފަހުން ފުރަތަމަ ފަހަރަށް ޕާލަމެންޓްރީ މެޖޯރިޓީ ގެއްލިފައެވެ.

މީގެ އެންމެ ދެ ހަފްތާ ކުރިން ޖަޕާނުގެ ލިބަރަލް ޑިމޮކްރެޓިކް ޕާޓީއަށް ވަނީ ޕާލަމެންޓްގެ އަޣުލަބިއްޔަތު ގެއްލިފއެވެ.

ޖަރުމަނުގެ ވެރިކަން ކުރާ ކޯލިޝަންގައި ބައިވެރިވާ ތިން ޕާޓީއަށްވެސް މިދިޔަ މަހު ޖަރުމަނުގެ މުހިންމު ގިނަ ސްޓޭޓްތަކެއްގައި ބޭއްވި އިންތިހާބުތަކުން ބަލި ވާން ޖެހުނެވެ.

އެމެރިކާގެ އިންތިޚާބު ވެސް ދާނީ ހަމަ މި ދިމާއަށް ހެއްޔެވެ. އަދި ވެރިކަން ކުރާ "ޑިމޮކްރެޓިކް" ޕާޓީއަށް އެމެރިކާގެ ރިޔާސަތު ގެއްލޭނެ ހެއްޔެވެ؟

އެމެރިކާގެ ކައުންސިލް އޮން ފޮރިން ރިލޭޝަންސްގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ ތަހުލީލެއްގައި އެމެރިކާގެ ޕޮލިޓިކަލް ސައިންސް ޕްރޮފެސަރު، ޖޭމްސް އެމް ލިންޑްސޭ ވިދާޅުވަނީ ބަލާބެލުމަށް ހީވަނީ، ކަމަލާ ހެރިސްއަށް މިކަން ބަދަލުކޮށްލެވިދާނެ ހެންނެވެ.

އެމެރިކާގައި ވޯޓުލާ މީހުންގެ އެންމެ މުހިންމު މައްސަލައަކީ އިޤްތިޞާދެވެ. އިނގިރޭސިވިލާތާއި، ފްރާންސްއާއި، ޖަރުމަނާއި، ޖަޕާނާއި، ދެކުނު އެފްރިކާގެ އިޤްތިޞާދުތަކަށް ބަލާއިރު، އެތަންތަނުގެ އިޤްތިޞާދު އޮތީ އަޑިއަޅާލާފައެވެ. އެއާ ޚިލާފަށް އެމެރިކާގެ އިޤްތިޞާދު އޮތީ ތަނަވަސްކަމުގެ ހާލަތެއްގައެވެ.

މިދިޔަ ހަފްތާގައި އެމެރިކާގެ ވިޔަފާރިއާ ބެހޭ ވުޒާރާއިން ވަނީ މިއަހަރުގެ ތިންވަނަ ކުއާޓަރުގެ ތެރޭގައި އެމެރިކާގެ ގައުމީ އުފެއްދުންތެރިކަން، ޖީޑީޕީ 2.8 ޕަސެންޓަށް ކުރިއަރާފައިވާކަން އިއުލާންކޮށްފައެވެ. އަދި ވަޒީފާ ނެތް މީހުންގެ ނިސްބަތް އޮތީ ކުރިއާ އަޅާބަލާއިރު ދަށް މިންވަރެއްގައެވެ. ހިއްސާގެ ބާޒާރު އޮތީ ރެކޯޑް މިންވަރަކަށް މައްޗަށް ގޮސްފައެވެ. އިންފްލޭޝަން ރޭޓް ވެސް ވަނީ ދަށްވެފަ އެވެ.

މި ހުރިހާ އިންޑިކޭޓަރުތަކުން ވެސް ދައްކާ ގޮތުގައި އެމެރިކާގެ އިޤްތިޞާދު އޮތީ ތާރީޚީ ގޮތުން ރަނގަޅު ހާލަތެއްގަ އެވެ. ވޯލް ސްޓްރީޓް ޖާނަލްގެ ސުރުޚީއެއް ގައި ވަނީ "ދެން އަންނަ ރައީސަކަށް ވާރުތަވާނީ ދުޅަހެޔޮ އިޤްތިޞާދެއް" ކަމަށެވެ.

މިއީ ސުރުޚީތަކާއި އިޢުލާންތަކުން ފެންނަ ވާހަކަތަކެވެ. އެއާ ޚިލާފަށް ރައްޔިތުން ދެކެނީ، އެމީހުންގެ ޤައުމުގެ އިޤްތިޞާދު މުޅިން ތަފާތު ގޮތަކަށެވެ. ޚިޔާލު ހޯދުންތަކުގައި މީހުންގެ ބޮޑު އަޣުލަބިއްޔަތަކުން ބުނަނީ އިޤްތިޞާދު އޮތީ ގޯސް ހާލަތެއްގައި ކަމަށެވެ. ބޮޑު އަޣުލަބިއްޔަތަކުން ބުނަނީ އެމީހުންގެ ގައުމު މިދަނީ ގޯސް މިސްރާބަކަށް ކަމަށެވެ.

މި އާންމު މާޔޫސްކަމަކީ އަންގާރަ ދުވަހު ވޯޓުލުމުގެ ކުރިން ފެންނަމުން މިދާ ވާދަވެރި ގޮތް ނޭނގުމުގެ ޙާލަތް މެދުވެރިކޮށްދޭ ވިސްނުމެވެ.

ރިޕަބްލިކަން ޕާޓީއަށް ޔަގީންވާ ގޮތުގައި ވާދަވެރި ރިއާސީ ރޭހަކީ އެމީހުންގެ ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕަށް އުފާވެރި ޚަބަރެކެވެ. 2016 އަދި 2020 ވަނަ އަހަރުގެ އިންތިޚާބުގައި ޚިޔާލު ހޯދުމުގެ ވޯޓުތަކުން އޭނާގެ މަގުބޫލުކަމުގެ ހަގީގީ ފެންވަރެއް ނުފެނުނެވެ.

ފަހު ވަގުތު ޚިޔާލު ބަދަލުކޮށްލާ ވޯޓުލާމީހުން ގިނަ ފަހަރަށް އިންތިޚާބެއްގެ ފަހު ދުވަސްތަކުގައި ފަހަތުން އަރައި ވާދަ ކުރާ މީހާއަށް، (މި ހާލަތުގައި ޓްރަމްޕަށް) ވޯޓު ދޭނެކަމަށް އެމީހުން ބަލައެވެ. އަދި، މީގެ 132 އަހަރު ކުރިން ދިމާވި ފަދައިން އެމެރިކާ ރައީސް ގްރޯވަރ ކްލީވްލެންޑަށް ފަހު ޖެހިޖެހިގެން ތަފާތު ދެ ބުރެއްގައި ދެ ވަނަ ދައުރެއް ކާމިޔާބުކުރާ ފުރަތަމަ ރައީސަމަށް ޓްރަމްޕް ވެގެން ދާނެކަމަށް އޭނާގެ ޓީމުން ގަބޫލުކުރާ ސަބަބަކީ ވެސް މިއީ އެވެ.

އަނެއްކޮޅުން ޑިމޮކްރޭޓުން ބިރުގަންނަނީ 2016 ވަނަ އަހަރާއި 2020 ވަނަ އަހަރުގެ ވޯޓުގެ ފަހުން ފެނިގެން ދިޔަ ހަމަނުޖެހުމާއި ބިރުވެރި ނާމާކަން އަލުން ތަކުރާރުވެދާނެތީ އެވެ.

އެހެން އަހަރުތަކާ ޚިލާފަށް މިއަހަރު، ޚިޔާލުހޯދުމުގެ މަސައްކަތުގައި އުޅޭ ފަރާތްތަކުންވެސް ވަނީ އެމީހުންގެ ޚިޔާލު ހޯދުމުގައި ގެންގުޅޭ މަންހަޖު ބަދަލުކޮށްލާފައެވެ. ކުރިން ހެދުނު ގޯސްތައް ތަކުރާރުވެ ނަތީޖާ ނުބައި ވާކަށް އެމީހުން ބޭނުމެއް ނުވެއެވެ. އެހެންވެ، އަދިވެސް ޚިޔާލު ހޯދާ ފަރާތްތައް އެމީހުންގެ ނަތީޖާތަކާ މެދު ޝައްކު ކުރަމުން ދެއެވެ.

މާނައަކީ ކުރިއަށް އޮތް އިންތިހާބުގައި ކޮންމެ ފަދަ ގޮތަކަށްވެސް ނަތީޖާ ނިކުމެދާނެއެވެ. އަދި ފަހު ވަގުތު ޚިޔާލު ބަދަލުކޮށްލާ ކަމަށް ބެލެވޭ ސްވިންގް ސްޓޭޓްތަކެއް ދެ ކެންޑިޑޭޓުންގެ ތެރޭން ކޮންމެ ކެންޑިޑޭޓަކަށްވެސް ތާއީދު ކޮށްފާނެއެވެ. އަދި ހަނި ގޮތަކަށް އިންތިޚާބު އެއްވެސް ކެންޑިޑޭޓަކު ކާމިޔާނު ކުރަނީނަމަ، ވޯޓުތައް އަލުން ގުނަން ޖެހި ދާނެއެވެ. ނުވަތަ ޝަރުއީ ހައްލަކަށް އެދި ކޯޓުތަކަށް ދިއުމަކީވެސް އެކަށީގެންވާ ކަމެކެވެ.

އެހެންވެ، މިފަހަރު މައްސަލައެއް ދިމާވެއްޖެނަމަ އެ މައްސަލަ ވެގެންދާނީ، އެމެރިކާގައި 2020 ވަނަ އަހަރު ހިނގި އިންތިޚާބީ ހަމަނުޖެހުމަށް ވުރެން ވަރުގަދަ ސިޔާސީ އަދި ޤާނޫނީ މައްސަލައަކަށެވެ.

އެމެރިކާގެ އިންތިޚާބު ދާނީ، ސަރުކާރު ހިންގާ ޕާޓީތަކާ ދެކޮޅަށް، ދުނިޔޭގައި ފެނުނު ޓްރެންޑާ އެކު ހެއްޔެވެ؟ ނޫނީ ބަދަލުކުރުމަކަށް ހެއްޔެވެ؟

ހަގީގަތަކީ ހެރިސް އާއި ޓްރަމްޕްގެ މެދުގައި އޮތް ވަރުގަދަ ހަނި ވާދަވެރިކަމުގެ އަލީގައި މި ސުވާލަށް ކަނޑައެޅިގެން ޖަވާބެއް އަދި ދެވެން ނެތް ކަމެވެ. ޖަވާބު ހޯދުމަށް އެންމެން ވެސް އިންތިޒާރު ކުރަނީ ނޮވެމްބަރު މަހުގެ ފަސް ވަނަ ދުވަހުގެ ފަހު މަންޒަރަށެވެ.

އެއާއެކު އެމެރިކާއިން ބުނަނީ ވޯޓުލުމާއި ގުނުމަށްވެސް ބޭރުގެ ފަރާތްތަކުން ނުފޫޒު ފޯރުވުމަށް މަސައްކަތް ކޮށްފާނެ ކަމަށެވެ! ސައިބާ ހަމަލައެއް ދީފާނެ ކަމަށެވެ! ނަތީޖާ ކަށަވަރު ކުރުމަށް، ރަޝިޔާއާއި ޗައިނާ އަދި އީރާން ނުބައި މީސްކުރަން ބޭނުންވެއެވެ.

އަންގާރަ ދުވަހު ބާއްވާ އިންތިޚާބުގެ ނަތީޖާއަށް ދުނިޔޭގެ އެންމެން ދަނީ އިންތިޒާރު ކުރަމުންނެވެ. ބައެއް ސިޔާސީ ބަދަލުތައް ގެންނަން ޖެހިދާނެތީއެވެ.

ދިރާސާކުރާ ލީސާ ރޮބިންސަން އެމެރިކާގެ "ފޮރިން އެފެއާޒް" މަޖައްލާ ގައި ބުނަނީ، ހެރިސްގެ ކާމިޔާބީގެ ސަބަބުން "މުހިންމު އަސަރުތަކެއް ކުރާނެ ކަމަށެވެ. އަދި ފަހަރެއްގައި ބަދަލުތަކެއް ވެސް އަތުވެދާނެ ކަމަށެވެ. އެއީ، ސުލްހައާއި އަމާންކަމަށް އަންހެނުން އާދަވެގެން ބާރުއަޅާތީ އެވެ."

އެމެރިކާގެ ރިއާސީ އިންތިޚާބުގެ ނަޒާހަތްތެރިކަމަކީވެސް މައްސަލައެކެވެ.

ރިއާސީ އިންތިޚާބުގައި މަކަރުހަދައި އޮޅުވާލުމެއް ނޯންނާނެ ކަމަށް ޑިމޮކްރެޓުންގެ 90 ޕަސެންޓް މީހުން ގަބޫލު ކުރާއިރު، ރިޕަބްލިކަން ޕާޓީގެ މެންބަރުންގެ ތެރެއިން މަކަރެއް ނަހަދާނެ ކަމަށް ބުނަނީ އެންމެ 57 ޕަސެންޓް މީހުންނެވެ.

މާނައަކީ ކުޑަ ތަފާތަކުން ބަލިވެއްޖެނަމަ އިންތިޚާބުގެ ނަތީޖާއާ މެދު ޝައްކު އުފައްދާނެއެވެ. އަދި ޓްރަމްޕްގެ ސަޕޯޓަރުންނަށް އެކަން ބޮޑު ކަމަކަށް ވާނެއެވެ.

އެފަދަ ހާލަތެއްގައި އެމެރިކާގެ ސުޕްރީމް ކޯޓަށް މައްސަލަ ވެއްދިއަސް، އެ ކޯޓުގެ ނިންމުމަކީ އެމެރިކާގެ ރައްޔިތުންގެ ގާތްގަނޑަކަށް 80 އިންސައްތަ މީހުންނަށް އިތުބާރު ކުރެވޭނެ ނިންމުމެއް ނޫން ކަމަށް ޚިޔާލު ހޯދުންތަކުން ދައްކައެވެ. އެމެރިކާގެ ސުޕްރީމް ކޯޓަކީ މީހުންގެ މެދުގައި މަގްބޫލު މުއައްސަސާއެއް ނޫނެވެ.

ޕިއު ސެންޓަރުގެ ސާވޭއިން ދައްކާ ގޮތުގައި ރިޔާސީ އިންތިޚާބާ ގުޅިގެން އުފެދިދާނެ އެއްވެސް ދެބަސްވުމެއް ސުޕްރީމް ކޯޓުން ނިންމާނަމަ، އެ ނިންމުމަށް އިތުބާރު ކުރާނީ ރައްޔިތުންގެ ކޮންމެ 5 މީހަކުން އެކަކެވެ.