މި ހަފުތާގެ އެކި ދުވަސް މަތިން ދިވެހި ރާއްޖޭގެ އެކި ސުކޫލުތަކުގައި ބައިނަލް އަޤުވާމީ މާދަރީ ބަހުގެ ދުވަސް ފާހަގަ ކުރަމުން އެބަ ގެންދެއެވެ. މި ފަހަރުގެ މާދަރީބަހުގެ ދުވަސް ފާހަގަ ކުރުމަށް ގިނަސުކޫލުތަކުން ވަނީ މިދުވަސްވަރުގެ ޙާލަތާއި ގުޅުވާލާފައެވެ.
ކުރިން އަބަދުވެސް އިވޭ އަޑެކެވެ. ދިވެހި ފިލްމު ތަކާއި ޑުރާމާތަކުގައި ދިވެހިން ފާހަގަ ކުރާ ދުވަސްތަކާއި އާދަކާދަ ވަރަށް ނުހިމެނެއެވެ. މިހެން ބުނަން މި ޖެހެނީ ދިވެހިން އެންމެ ގިނައިން ބަލާ ހިންދީ ޑުރާމާތަކުގައި އެއިރަކު އިންޑިއާގައި ފާހަގަ ކުރާ ދުވަސްތަކާއި އެމީހުންގެ އާދަކާދަތައް ދައްކުވާތީއެވެ. އެހެން ނަމަވެސް މި އަދު އަޅުގަނޑުމެން ގެ މުދައ1ްރިސުން މި ދައްކުވައިދިނީ ޙާލަތާއި ގުޅުވައިގެން ކަންކަން ރޭވުމުގައި އެމީހުންގެ ހުނަރު ހުރިކަމެވެ. ދިވެހި މުދައްރިސުން ނަކީ އެކަމަށް ޤާބިލު ބައެއް ކަމެވެ.
ވަރަށް ގިނަ ސުކޫލުތަކުން ކޮވިޑްގެ ޙާލަތާއި ގުޅޭގޮތުން ޑްރާމާ ހުށައެޅި އެވެ. އެގޮތުން ލ. އަތޮޅު މަދަރުސާގެ ދަރިވަރުން ހުށަ އެޅި ކޮވިޑް 19 އާއި ގުޅިގެން އަލަށް ތަޢާރަފުވި ދިވެހި ބަސްތައް ދަސްކުރާ ޑްރާމާ ފާހަގަ ކޮށްލެވެއެއެވެ. މި ޑްރާމާގައި ދައްކައިދެނީ ކޮވިޑްގެ އާބަސްތަކަށް ކިޔާ ދިވެހި ނަންތައް ކިޔައިދޭ ރޮބަޓެކެވެ. މި ޑްރާމާ ފޭސް ބުކް ޕޭޖުން މި ހާރު ފެންނާނެއެވެ. މި ނޫނަސް ރ. އަތޮޅު މަދަރުސާއިންނާއި މާވަށު ސުކޫލުން ކޮވިޑުގެ އާ ބަސްތައް ދަސްކުރުމަށް ތަފާތު ޙަރަކާތްތައް ހިންގި އެވެ. އަދި މ. އަތޮޅު ތަޢުލީމީ މަރުކަޒުން ކޮވިޑް 19 އާއި ގުޅޭ ބަނދި ކިޔާ ޙަރަކާތްތައް ދައްކާލުން އޮތެވެ.
މި ޙުރިހާ ހަރަކާތް ތަކުގެ ތެރެއިންވެސް އެންމެ ބޮޑަށް ފާހަގަ ކުރެވުނީ އިހަވަންދޫ ސުކޫލުން ވާދަ އަށް ބަނދި ކިޔުމާއި ރައިވަރު ކިޔުމަށް ބޭއްވި މުބާރާތް ތަކެވެ. އިހަވަންދޫ ސުކޫލުގެ ދިވެހި ޓީޗަރ ފަތުހުﷲ ހައްދަވާފައިވާ ބަނދިތައް ވަރަށް ރީތިވެފައި ފުރިހަމައެވެ. މި ގޮތުން އިހަވަންދޫ ސުކޫލުގެ ދަރިވަރު އައިޝަތު އިޝާ އިޝާލް އަދުނާނު މުޙައްމަދު ހުށައަޅަދިން ބަނދި ހިމަނާލާނަމެވެ.
"ޖަހާލަމާ ޖަހާލަމާ އެންމެންވެސް ޖަހާލަމާ
ފޯރީގައި ޖަހާލަމާ ވެކްސިން އަދު ޖަހާލަމާ
ކޮވިޑް ބަލިން ރައްކާވާން ކޮވިޑް ރަށުން ނެތިކޮށްލާން
ކޮވިޑްގެ ރާޅު ތިރިކޮށްލަން ވެކްސިން އަދު ޖަހާލަމާ
ދިފާޢުގައި ހަމަލާދޭން ދިފާޢުކޮށް ރައްކާވާން
ދިފާޢުމަގުން ހިނިތުންވާން ވެކްސިން އަދު ޖަހާލަމާ
ބޭބެ މެނާ ދައްތަމެނާ ގޭގަ މިވާ އެންމެންނާ
ހޭހަންކޮށް ޚިދުމަތް ދޭން ވެކްސިން އަދު ޖަހާލަމާ
ޤައުމު އެދޭ މަގަކީ މީ ޤައުމު އެދޭ ގޮތަކީ މީ
ޤައުމީ ގޮތް އިސްކުރަމާ ވެކްސިން އަދު ޖަހާލަމާ "
މި ނޫނަސް މިފަދަ އެތައް ބަންޖަކާއި ޑުރާމާއާއި ކޮވިޑްގެ ޙާލަތާއި ގުޅުވައިގެން ސުކޫލުތަކުން ހުށައެޅިއެވެ. އަދި އާބަސްތައް ދަސްކޮށްދޭން ޙާލަތާއި ގުޅުވައިގެން ހުށައެޅި ޙަރަކާތައްވެސް ވަރަށް ފުރިހަމައެވެ. މިއީ އަޅުގަނޑުމެންގެ ސުކޫލުތަކާއި އެތަންތަނުގައި މަސައްކަތް ކުރައްވާ ދިވެހި މުދައްރިސުންގެ ހުނަރުވެރި ކަމެވެ. މި ފަދަ އެތައް ޙަރަކާތެއް ފޭސް ބުކް ޕޭޖްގެ އަދަބީ ގުދަނުންނާއި އެސްކޫލެއްގެ ޕޭޖުން މިއަދު ފެންނަން އެބަހުއްޓެވެ.