ޖަޕާނާއި ޔޫރަޕުގެ އިއްތިޙާދުން ވަނީ ރަޝިޔާއާ ޗައިނާގެ ނުފޫޒާއި ސަލާމަތާއި ދިފާއީ ދާއިރާއަށް އަމާޒުކޮށްގެން ޕާޓްނަޝިޕް އެއްބަސްވުމެއް ފައިނަލްކޮށްފަ އެވެ. ޖަޕާނުން ޗައިނާއާއެކު ކޯޅުމެއްގައި އުޅޭއިރު ޔޫރަޕުން އުޅެނީ ރަޝިޔާއާއެކު ކޯޅުމެއްގައެވެ.
މި ޕާޓްނަޝިޕް އިއުލާންކޮށްފައިވަނީ އީޔޫގެ ފޮރިން ޕޮލިސީއާ ބެހޭ ވެރިޔާ ޖޯސެޕް ބޮރެލް ޓޯކިޔޯއަށް ކުރެއްވި ދަތުރުފުޅުގައެވެ. މިދަތުރުފުޅަކީ، ޖަޕާނާއި އީޔޫގެ ސްޓްރެޓެޖިކް ޑައިލޮގަށް ފުރަތަމަ ފަހަރަށް ބޮރެލް ޓޯކިޔޯއަށް ކުރެއްވި ދަތުރުފުޅު ކަމަށް ވޮއިސް އޮފް އެމެރިކާއިން ރިޕޯޓްކޮށްފައިވެއެވެ.
އީޔޫއިން ވަނީ ތަފްސީލު ކުރުމަކާ ނުލައި ޖަޕާނުގެ ސެކިއުރިޓީ ކަންބޮޑުވުންތަކުގެ ވާހަކަ ދައްކާފައެވެ. ޗައިނާ، ރަޝިޔާ ނުވަތަ އުތުރު ކޮރެއާގެ ނަން ވަކިން ވިދާޅު ނުވެ ޖަޕާނާއި އީޔޫގެ ސަލާމަތީ ކަންބޮޑުވުންތަކަށް އިޝާރާތް ކުރައްވައި ބޮރެލް ވަނީ ދުނިޔޭގެ ނުރައްކާތެރި މާހައުލާ ބެހޭ ގޮތުން ވާހަކަ ދައްކަވާފައެވެ.
އޭނާ ސިފަކުރެއްވި ގޮތުގައި އީޔޫ ޖަޕާން އެއްބަސްވުމަކީ ތާރީޚީ އަދި ވަރަށް މުނާސިބު ވަގުތެއްގައި އައިސްފައިވާ އެއްބަސްވުމެކެވެ. އަދި މިއީ އޭޝިއާ ޕެސިފިކް ސަރަހައްދުގެ ގައުމަކާ އެކު އީޔޫއިން ހެދި "މި ބާވަތުގެ ފުރަތަމަ އެއްބަސްވުން" ކަމަށްވެސް ބޮރެލް ވިދާޅުވެއެވެ.
އެޖެންސް ފްރާންސް ޕްރެސް އިން މުރާޖައާކުރި އީޔޫ-ޖަޕާން ސެކިއުރިޓީ އެންޑް ޑިފެންސް ޕާޓްނަޝިޕްގެ ޓެކްސްޓުގައި ދެފަރާތުގެ ސިފައިންގެ ޖޮއިންޓް އެކްސަސައިޒްތައް ކުރުމަށާއި އެއް ފަރާތުގެ މަނަވަރުތަކުން އަނެއް ގައުމުގެ ބަނދަރުތަކަށް ޒިޔާރަތް ކުރުން ފަދަ ހަރަކާތްތަކުގެ ތެރެއިން ހަރުދަނާ ކަނޑުގެ ސިފައިންގެ ގުޅުމަކަށް ބާރުއަޅާފައިވާ ކަމަށް ރިޕޯޓުކޮށްފައި ވެއެވެ.
ދިފާއީ ސިނާއަތާ ގުޅޭ މައުލޫމާތު ބަދަލުކުރުމަށްވެސް މި އެއްބަސްވުމުގައި ހިމަނާފައި ވެއެވެ. އަދި ދެފަރާތުގެ ދިފާއީ މަސައްކަތްތައް ކުރިއަށް ގެންދިއުމާ ބެހޭ މަޝްވަރާތައް އަބަދުވެސް ކުރިއަށް ގެންދިއުން ފާހަގަކޮށްފައިވެ އެވެ.