ފަލަސްޠީނުގެ ޖިހާދަށް އައު ދިރުމެއް ގެނެސްދެއްވި ކޮމާންޑަރު ޔަޙުޔާ އިބްރާހީމް ސިންވާރު، ޒަޔަނިސްޓުންގެ ޣަދަރުވެރި އުންޑައިން ޝަހީދުކޮށްލާފައި ވަނީ އޭނާ ހުސްބަނޑާ ހުންނަވާތާ 3 ދުވަސް ފަހުން ކަމަށް އޭނާގެ އޮޓޮޕްސީ ހެދި އިޒްރޭލު ޑޮކްޓަރުން ބުނެފިއެވެ.

ޒަޔަނިސްޓު އަދުއްވުންގެ ފޮރެންސިކް ޑޮކްޓަރުން ކުރިއަށް ގެންދިޔަ އޮޓޮޕްސީން ދައްކާ ގޮތުގައި 16 އޮކްޓޯބަރުގައި ކޮމާންޑަރު ޔަޙުޔާ ޝަހީދުކޮށްލުމުގެ ކުރިން ތިން ދުވަސް ވަންދެން އޭނާ ހުންނެވީ ހުސްބަނޑާއެވެ.

އިސްރާއީލުގެ ނޭޝަނަލް ފޮރެންސިކް އިންސްޓިޓިއުޓްގެ ޑިރެކްޓަރު ޗެން ކުގޭލް، ޔަހޫދޫންގެ މީޑިއާއަށް ކިޔައިދިން ގޮތުގައި ޔަހޫދުންގެ އަތު ޖެހުމުން، އެމީހުން އެންމެ ފުރަތަމަވެސް، އެއީ ކޮމާންޑަރު ޔަހުޔާކަން ޔަގީން ކުރުމަށް އޭނާގެ ޝަހާދަތް އިނގިލި ބުރިކޮށްލީ ކަމަށް ބުންޏެވެ. އަދި އޭނާ ޖަލުގައި ހުންނެވި ދުވަސްވަރުގެ މެޑިކަލް ރިކޯޑާއި ޑީއެންއޭއާ އަޅާ ކިޔުމަށާއި އިނގިލީގެ ނިޝާނަށް އެ އިނގިލި ބޭނުން ކުރިކަމަށް ބުންޏެވެ.

ކުގޭލް ބުނީ ކޮމާންޑަރުގެ ސިކުނޑިއަށް ބޮޑު ގެއްލުންތަކެއް ލިބޭ ގޮތަށް ވަޒަނެއް އަރާފައި ހުރި ކަމަށެވެ. އެހެންނަމަވެސް އަޖާއިބު ކުރަނިވި ގޮތަކަށް އޭނާ ގިނަ އިރުތަކެއް ވަންދެން ދިރިހުންނެވި ކަމަށެވެ.

އޮޓޮޕްސީއަށްފަހު ޔަހޫދު ޒަޔަނިސްޓުން ވަނީ ސިންވާރުގެ ގަބުރު ވަގަށް ނަގާފައެވެ. އަދި އެމީހުން އެގަބުރު ފޮރުވާފައިވާ ތަނެއް ހާމަކުރާކަށް ބޭނުމެއް ނުވެއެވެ.

އިރާގްގެ ނުޖޫމީ އިލްމުވެރިއެއް ކަމަށްވާ، ލައިލާ ޢަބްދުއްލަތީފު ބުނާ ގޮތުން 2027ގައި އިޒްރޭލުގެ ދައުލަތް ވުޖޫދުން ފޮހެވިގެންދާއިރުވެސް އެ ގަބުރު ޔަހޫދުން ވަގަށް ނަގައި ވަޅުނުލައި ބާއްވާނެއެވެ.

ކޮމާންޑަރުގެ އޮޓޮޕްސީން ހާމަވި މަޢުލޫމާތުން ޔަހޫދުންގެ ތެރޭންވެސް ގިނަ ބަޔަކު ބުނެފައި ވަނީ ޒަޔަނިސްޓުން ފާއްދާލާފައިވާ މައުލޫމާތާ ޚިލާފަށް މިވާހަކަތަކުން އެނގެނީ، ހަމާސްގެ ލީޑަރުން އަމިއްލަ މަންފާއަށް ފަލަސްޠީނު މީހުންގެ ކާނާއިން ވައްކަން ނުކުރާ ކަން ސާބިތުވާ ކަމެވެ.

ސިންވާރު ވަނީ ޣައްޒާގައި ޒަޔަނިސްޓު ސިފައިންނާ ކުރިމަތި ލެއްވުމުގައި ދުވަސްތައް ހޭދަ ކުރައްވާފައެވެ. އަދި އެއިރުވެސް އޭނާގެ އަނބިކަނބަލުންނާއި ބޭފުޅުންނަށް ސިޓީބިޓީ ފޮނުއްވައި ހެއްދެވިކަމަށްވެއެވެ. އޭނާގެ އެންމެ ފަހު ސިޓީވެސް އާއިލާއަށް ލިބުނީ ޝަހީދުވިތާ ދެ ހަފްތާ ފަހުންނެވެ. އެގޮތުން އޭނާ މަހަކު އެއްފަހަރު ނުވަތަ ކޮންމެ 6 ހަފްތާއަކުން އެއްފަހަރު މީސްމީހުން މެދުވެރިކުރައްވައި އާއިލާއަށް ސިޓީބިޓީ ފޮނުއްވިކަން އެނގޭ ކަމަށް މީޑިއާގައި ރިޕޯޓުކޮށްފައި ވެއެވެ.